ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވި ކަމަށް ބުނެ މިއަދު އެކި ވަގުތުތަކުގައި އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި، މަދުވެގެން 12 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި މިދިޔަ މަހުން ފެށިގެން ތަންފީޒުކުރަން ފަށާފައި ވިޔަސް ޣައްޒާގައި ލޭ އޮހޮރުވުންތައް ދަނީ ކުރިއަށެވެ. އިޒްރޭލާއި ހަމާސް އިން ވެސް ދަނީ އެއްބަސްވުމާ ހިލާވުމުގެ ޒިންމާ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
ސިވިލް ޑިފެންސް އެޖެންސީން ބުނީ މިއަދު އެއް ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރުގައި، ގެދޮރު ގެއްލިފައިވާ މީހުން އުޅޭ ފޭލިގެއަކަށް ކަމަށެވެ. އަދި އެހެން ހަމަލާއެއް ޣައްޒާގެ ދެކުނުގެ ސަރަހައްދަކަށް އަމާޒުކުރި ކަމަށް ބުންޏެވެ.
ޖަބަލިއާގައި ހުރި ފޭލިގެއަށް ދިން ހަމަލާގައި ފަސް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި ކަމަށާއި ދެކުނުގެ ޚާން ޔޫނިސްގައި ދިން ހަމަލާތަކުގައި ވެސް އިތުރު ފަސް މީހަކު ޝަހީދުވި ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ. މީގެ އިތުރުން ޣައްޒާ ސިޓީގައި ވެސް އިޒްރޭލުގެ ހަމަލާއެއްގައި އެކަކު ޝަހީދުވެފައިވެ އެވެ. ދެން އެހެން މީހަކު ޝަހީދުކޮށްލާފައިވަނީ އިޒްރޭލުން ދިން ބަޑީގެ ހަމަލާއެއްގައި، ބައިތު ލަހިޔާގަ އެވެ.
ޝިފާ ހޮސްޕިޓަލާއި ނާސިރު ހޮސްޕިޓަލުން ވަނީ ޝަހީދުވެފައިވާ ހަތް މީހެއްގެ ހަށިގަނޑު އެ ތަންތަންތަނަށް ގެންދިޔަކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި، އިޒްރޭލުން ޣައްޒާގައި ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގުގެ ސަރަހައްދުން ވެސް ފައިބަން ޖެހެ އެވެ. އެކަމަކު އިޒްރޭލުން އަދިވެސް ގެންދަނީ ޣައްޒާގެ ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ބޮޑު ބައެއް ކޮންޓްރޯލްކުރަމުންނެވެ.
ހަމާސްގެ ތަރުޖަމާން ހާޒިމް ޤާސިމް ވިދާޅުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލު ސިފައިން ހިލާފުވެފައިވާ ކަމަށެވެ.
"ގެދޮރު ގެއްލިފައިވާ މީހުންގެ ފޭލިގެތަކަށް ހަމަލާ ދިނުމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ވަރަށް ބޮޑަށް ހިލާފު އަމަލެއް،" ގާސިމް ވިދާޅުވި އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާގައި 601 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ. -- އޭއެފްޕީ