އަންނަ އަންގާރަ ދުވަހު މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ނުފެންނާނެ ކަމަށާއި އެހެންވެ ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ފަލަކީ އިލްމުވެރިން މިހާރު ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ޔޫއޭއީ އަކީ ރަމަޟާން ފެށުމާއި އީދު ދުވަސްތައް ކަނޑައެޅުން ފަދަ، ހަނދު ސާބިތުކުރުމާ ގުޅޭ ކަންކަމުގައި އަބަދުވެސް ސައޫދީއާ އެއްގޮތަށް އަމަލުކުރަމުން އަންނަ ގައުމަކަށް ވިޔަސް އެ އާދަ މިފަހަރު ދޫކޮށްލަފާނެ ކަމުގެ އަޑުތައް އެހެންވެ ވަނީ ގަދަވެފަ އެވެ. 

އެއީ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން މި ދުވަސްވަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމާ ވެސް ގުޅޭ ވާހަކައެކެވެ.  

ހަނދު ނުފެންނާނެ ކަމަށް ސައިންސްވެރިންނާއި ފަލަކީ އިލްމުވެރިން ޔަގީންކަމާ އެކު ބުނި ކިތަންމެ ފަހަރަކު ހަނދު ފެނުނު ކަމަށް ސައޫދީން އިއުލާނުކޮށްފައިވެ އެވެ. އެއީ ސައޫދީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާ ކަމަކަށް ވިޔަސް އެ ފާޑުކިޔުންތަކަށް ސައޫދީން ދުވަހަކު ވެސް ރައްދެއް ނުދެ އެވެ. 

އިސްލާމީ ކަލަންޑަރުގައި މުހިންމު ދުވަސްތައް ދުރާލައި ކަނޑައެޅުމުގައި ސައޫދީން އަމަލުކުރަމުން އަންނަނީ އުއްމުލްޤުރާ ކަލަންޑަރަށެވެ. އެ ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މި ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހު އެވެ. 

ނަމަވެސް ޔޫއޭއީގެ ޝާރްޖާ ޔުނިވާސިޓީގެ ޝާރްޖާ އެކަޑަމީ ފޯ އެސްޓްރޮނޮމީ، ސްޕޭސް ސައިންސަސް އެންޑް ޓެކްނޮލޮޖީން މިދިޔަ ހަފުތާގައި އިއުލާންކުރި ގޮތުގައި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބެލި ކަމުގައި ވިޔަސް މި މަހުގެ 17 ވާ އަންގާރަ ދުވަހު ހަނދު ފެނުމަކީ ސައިންޓިފިކް ގޮތުން ބަލާއިރު ވާނެ ކަމެއް ނޫނެވެ. 

އެހެންވެ އެ އިދާރާއިން ބުނީ ރޯދަ މަސް ފެށޭނީ ފެބްރުއަރީ 19 ވަނަ ދުވަހު ކަމަށެވެ. 

މީގެ އިތުރުން، އަބޫދާބީގައި ހުންނަ އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރާއި އިސްލާމިކް ކްރެސެންޓްސް އޮބްޒަވޭޝަން ޕްރޮޖެކްޓް (އައިސީއޯޕީ) ގެ ޑިރެކްޓަރު އަދި އަބޫދާބީގެ އެސްޓްރޮނޮމިސްޓް މުހައްމަދު އުދޭ ވެސް ވިދާޅުވީ ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ވެސް އަންގާރަ ދުވަހު ހަނދު ނުފެންނާނެ ކަމަށެވެ. 

"ހަނދު ފެނުނު ކަމަށް އިއުލާނުކުރި ކަމުގައި ވިޔަސް އެ ވާނީ ހީއެއްގެ މައްޗަށް ބިނާކޮށް މީހަކަށް ނުވަތަ ބަޔަކަށް އެއީ ހަނދު ކަމަށް ގަބޫލުކުރެވުން ކަމަށް. އެއީ އުޑުމަތުން އެ ދުވަހު ހަނދު ފެންނަން ނުހުންނާނެތީ،" އުދޭ ވިދާޅުވެފައިވެ އެވެ. 

"ފަލަކީ ގޮތުން ބަލާއިރު ހަނދެއް ނުފެންނާނެ"

ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީން އިއުލާނުކުރާނެ އެވެ. އެހެން ބުނަނީ ހަނދު ނުފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނަމުން ދަނިކޮށް ވެސް ސައޫދީއަށް ހަނދު ފެނުނު ކަމަށް އިއުލާނުކޮށްފައިވާތީ އެވެ. 

"ފެބްރުއަރީ 17، 2026 ވާ އަންގާރަ ދުވަހު، ހައި ޕަވަ ޓެލެސްކޯޕް ބޭނުންކޮށްގެން ވެސް، ހަމަލޮލަށް ވެސް، މެދުއިރުމަތީގެ އެއްވެސް ހިސާބަކަށް އަދި އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ އެއްވެސް ތަނަކަށް ވެސް، ފަލަކީ ގޮތުން ބަލާއިރު ނުފެންނާނެ،" އިނގިރޭސި ވިލާތުގެ އެސްޓްރޮނޮމީ ސޮސައިޓީއެއް ކަމަށްވާ ނިއު ކްރެސެންޓް ސޮސައިޓީގެ ފައުންޑާ އަދި ޑައިރެކްޓަރު އިމާދު އަހުމަދު ވިދާޅުވި އެވެ. 

ގްރީންވިޗްގައި ހުންނަ ރޯޔަލް އޮބްޒަވޭޓަރީއާ ގުޅިގެން އެސްޓްރޮނޮމީ ޕްރޮގްރާމެއް ހިންގަވާ އަހްމަދު ވިދާޅުވީ އެހެން ވިޔަސް ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީން އިއުލާނުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޔޫއޭއީގެ އިތުރުން އިސްލާމީ އެހެން ބޮޑެތި ގައުމުތަކުގައި ވެސް ސައޫދީއާ އެއްގޮތަށް އަމަލުކުރެ އެވެ. 

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ޔޫއޭއީ އާއި އެ ގައުމުގެ އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ހީނަރުވެފައި ވިޔަސް، ހަނދު ސާބިތުކުރުމުގައި ސައުދީ އަރަބިއްޔާއިން އަމަލުކުރާ ގޮތަކަށް އެހެން ގައުމުތަކުން ވެސް އަމަލުކުރާނެ އެވެ. 

"މި އަހަރު އެމިރޭޓްސްގެ ވަރަށް ގިނަ ފަލަކީ އިލްމުވެރިން ވަނީ 17 ވާ އަންގާރަ ދުވަހު ހަނދު ނުފެންނާނެކަން މާކުރިން އިއުލާނުކޮށްފައި،" އަހްމަދު ވިދާޅުވި އެވެ. 

"އޮމާންގައި ހަނދު ބެލުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީން ވެސް ވަނީ އަންގާރަ ދުވަހު ހަނދު ނުފެންނާނެ ކަމަށް ބުނެފައި.

"އެކަމަކު ރޯދަ މަހާއި އީދު ކަނޑައެޅުމުގައި ޔޫއޭއީން ސައޫދީއާ ހިލާފުވިތަނެއް މީގެ ކުރިން ފެނިފައެއް ނެތް."

ސައޫދީ އަރަބިއްޔާއަށް އަންގާރަ ދުވަހު ހަނދު ފެނުނު ކަމަށް ބުނެފި ނަމަ، ޔޫއޭއީގެ ފަލަކީ އިލްމުވެރިން އަދި އެހެން ގޮތަކަށް ބުނެފައި ވިޔަސް ސައޫދީއާ އެކު ރަމަޟާން މަސް ފަށާނެ ކަމަށް ބެލެވޭ ކަމަށް އަހްމަދު ވިދާޅުވި އެވެ. -- މިޑްލްއީސްޓް އައި