ރެޑް ސީގައި 2030 ގެ ނިޔަލަށް، ލަގްޒަރީ 81 ރިސޯޓް ހަދަން އަމާޒުކޮށް ސައޫދީ އަރަބިއްޔާއިން ފެށި މަލްޓި ބިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓް ކުޑަކޮށްލަން ނިންމާފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ހަތް ފަރާތަކާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ. 

ދިވެހިރާއްޖެ ގޮތަށް، މުއްސަނދި ޓޫރިސްޓުންގެ މަންޒިލެއްގެ ގޮތުގައި ފެށި މި ޕްރޮޖެކްޓަކީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ "ވިޒަން 2030" ގެ ތެރޭގައި ހިމެނޭ ހާއްސަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓާ މެދު އަލުން ވިސްނަން ނިންމީ ތެލުގެ އަގު މައްޗަށް ނުގޮސް ދަށްވެފައި އޮންނާތީ އާއި ރިސޯޓްތަކަށް އެކަށީގެންވާ ޑިމާންޑް ވެސް ނެތުމުން ކަމަށް އޭއެފްޕީން ބުންޏެވެ.


އެކަމަކު ރެޑް ސީ ގްލޯބަލް (އާރްއެސްޖީ) އިން ބުނީ ޕްރޮޖެކްޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ހަދަން ނިންމާފައިވާ 27 ރިސޯޓު ނިންމުމަށް ފަހު އަނެއް ފިޔަވަހި ވެސް ފަށާނެ ކަމަށެވެ. 

އެކަމަކު އޭއެފްޕީއަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ ރިސޯޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މި އަހަރުގެ ނިޔަލަށް ހުއްޓާލާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ސަތޭކަ ކުންފުންޏަކަށާއި އެތައް މުވައްޒަފުންނަކަށް ގެއްލުންވާނެ ކަމަށެވެ. 

މައުލޫމާތުގެ ހައްސާސްކަމުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކި މީހުން އިތުރު ތަފްސީލްތައް ވެސް ދީފައިވެ އެވެ. 

"ރެޑް ސީ ޕްރޮޖެކްޓުގެ ދެ ވަނަ ފިޔަވަހި  ހުއްޓާލަން ނިންމުމެއް ވަނީ ނިންމާފައި،" އާރްއެސްޖީގެ އިސް ބޭފުޅަކާ ހަވާލާދީ އޭއެފްޕީން ބުންޏެވެ. 

އެހެން މީހަކު ބުނެފައިވާ ގޮތުގައި މިހާރު ހިންގާ ރިސޯޓްތަކުގެ އޮޕަރޭޝަނަށް ހިނގާ ހަރަދު އާމްދަނީއަށްވުރެ ބޮޑު ކަމަށާއި އެހެންވެ ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫއު ހިންގޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. 

ރެޑް ސީގެ ރިސޯޓެއް
ރެޑް ސީގެ ރިސޯޓެއް

އާރްއެސްޖީ އާއި ބިޔަ އެހެން މަޝްރޫއުތައް ހިންގާ ބައެއް މީހުންނާއި އެ މީހުންނާ ގުޅުން ހުރި ކުންފުނިތަކުގެ ހަތް މީހަކު އޭއެފްޕީއާ ވާހަކަ ދައްކާފައި ވާއިރު ބުނެފައިވަނީ ރެޑް ސީ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން މެދުކަނޑާލާނެ ކަމަށެވެ. 

ނަމަވެސް އާރްއެސްޖީން ބުނީ އެ ކުންފުނިން ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި ރެޑް ސީގެ ލާހިގް އައިލެންޑުގެ ރެސިޑެންޝަލް ޑިވެލޮޕްމަންޓް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. 

"ބޮޑެތި އަދި ދިގުމުއްދަތަށް ކުރިއަށްގެންދާ ކޮންމެ މަޝްރޫއެއްގައިހެން ދެ ވަނަ ފިޔަވަހި ކުރިއަށް ގެންދާނީ އެކި ބައިތަކަށް ބަހާލައިގެން،" އާރްއެސްޖީން އޭއެފްޕީއަށް ފޮނުވި ބަޔާނުގައި ބުންޏެވެ. 

އެތައް ޕްރޮޖެކްޓެއް ހުރީ ޑިޒައިންކުރުމާއި ހުއްދަތައް ހޯދުމާއި ކޮމާޝަލް ސްޓްރަކްޗާކުރުން ފަދަ މަރުހަލާތަކުގައި ކަމަށާއި އެއީ އެ މަޝްރޫއުތަކުގެ ތާވަލަށް ބަލާއިރު މިހާރު އޮންނަން ޖެހޭ ހިސާބު ކަމަށް ވެސް ކުންފުނިން ބުންޏެވެ. 

މަލްޓި ބިލިއަން ޑޮލަރުގެ އެތައް މަސައްކަތެއް

ސައޫދީގައި 2034 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ތައްޔާރުވަމުން އަންނައިރު އެކްސްޕޯ 2030 އަށް ވެސް ބިޔަ އެތައް މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އެހެންވެ ސައޫދީ އޮފިޝަލުން މީގެ ކުރިން ވެސް ވަނީ ބޮޑެތި ބައެއް ޕްރޮޖެކްޓްތައް މަޑުޖައްސާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. 

"ބިޔަ ބައެއް ޕްރޮޖެކްޓްތައް ކުޑަކޮށްލަން ޖެހިދާނެ. ބައެއް ޕްރޮޖެކްޓްތައް ލަސްކޮށްލަން ޖެހިދާނެ،" ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން މިދިޔަ މަހު ޑާވޯސް ސަމިޓްގައި އޭއެފްޕީއަށް ވިދާޅުވި އެވެ. 

ތެލުގެ އަގު ނާރާތީ ވެސް ސައޫދީގެ ބަޖެޓަށް ވަނީ ނޭދެވޭ އަސަރުކުރަން ފަށައިފަ އެވެ. ތެޔޮ އެކްސްޕޯޓްކުރާ، ދުނިޔޭގެ އެންމެ ބޮޑު ކުންފުނި އަދި ސައޫދީއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ ކުންފުނި ކަމަށްވާ އަރަމްކޯގެ ސާފު ފައިދާ ވަނީ ޖެހިޖެހިގެން 11 ކުއާޓާގައި ދަށްވެފަ އެވެ. 

"މިގޮތަށް ނިންމަން ޖެހުނީ މި ހުރިހާ ޕްރޮޖެކްޓެއްގައި އެއްފަހަރާ މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ،" އެ ގައުމުގެ ވެލްތު ފަންޑުގެ އެހީގައި ހިންގާ ކުންފުންޏެއްގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

"ރެޑް ސީ ޕްރޮޖެކްޓްގެ ސަބަބުން އިތުރު ކެޕިޓަލް ލިބި، ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ހީކުރެވުނު. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ ކަމަށް ބެލެވުނު" ސަރުކާރުގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ އެހެން މީހަކު ބުންޏެވެ.

"އެކަމަކު އެހެންނެއް ނުވި."

ރެޑް ސީ ޕްރޮޖެކްޓުގައި 68 ކިލޯމީޓަރު (42 މޭލު) ގެ އައްސޭރިފަށުގައި، 4،155 އަކަ ކިލޯމީޓަރު (2،582 އަކަ މޭލު) ގެ ސަރަހައްދެއްގައި އަމާލާއާ އެކު 30 ރިސޯޓާއި ޔޮޓް ކްލަބެއް، އިޔާދަކުރުވަނިވި ހަކަތައާ އެކު ތަރައްގީކުރުން ހިމެނެ އެވެ.

ރެޑް ސީގެ ރިސޯޓެއް: މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ބުނި އަދަދަށް ދެން ރިސޯޓެއް ނުހަދާނެ.
ރެޑް ސީގެ ރިސޯޓެއް: މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ބުނި އަދަދަށް ދެން ރިސޯޓެއް ނުހަދާނެ.

މީގެ އިތުރުން އެތަނުގެ ދެކުނުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ހަދައި 50 ރިސޯޓް ތަރައްގީކުރުން ހިމެނެ އެވެ. ބައެއް ރިސޯޓްތައް ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީކުރަން ވެސް ނިންމާފައިވެ އެވެ. 

މަސައްކަތް ހުއްޓިފައި

ބިޔަ ޕްރޮޖެކްޓްތަކަށް އެހީވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާ ގުޅުން ހުރި ޕްރޮޖެކްޓް މެނޭޖްމަންޓް ކުންފުންޏެއްގެ އިސް ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ސައުދީ ސޮވެރިން ވެލްތު ފަންޑުން މިހާރު އަންނަނީ "މުޅި ރެޑް ސީ ޕްރޮޖެކްޓް އަލުން އިވެލުއޭޓް ކުރަމުން" ނެވެ.

"ކޮންސްޓްރަކްޝަންގެ މަސައްކަތެއް އަލުން ފަށަން ހުއްދައެއް ނުދޭ. ދެ ވަނަ ފިޔަވަހީގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް މެދުކަނޑާލައިގެން ތިބެ ފުރަތަމަ ފިޔަވައްސަކީ [ޕްރޮޖެކްޓް] އޮންނާނެ ގޮތުގެ ކޮންސެޕްޓުގެ ނަމޫނާއެއްގެ ގޮތުގައި ދަނީ ދައްކަމުން،" އޭނާ ވިދާޅުވި އެވެ. 

ޕްރޮޖެކްޓުގެ ދަށުން ހަދައި މިހާރު ހިންގަމުން އަންނަ 10 ރިސޯޓްގެ އޮކިއުޕަންސީ އާރްއެސްޖީއަކުން ނުބުންޏެވެ. އެކަމަކު ކޮންސަލްޓަންޓަކު އޭއެފްޕީއަށް ބުނީ "އާންމުގޮތެއްގައި އޮންނަނީ ހުސްކޮށް" ކަމަށެވެ. 

"އެ ރިސޯޓްތަކުގައި ރާ ނުވިއްކުމަކީ ވެސް ސަބަބެއް. އެކަމަކު އެއީ މައިގަނޑު ސަބަބެއް ނޫން،" ކޮންސަލްޓަންޓް ވިދާޅުވި އެވެ. 

"އަގުތައް މާ ބޮޑުވުމާއި ޕްރޮޖެކްޓު މާ ފުޅާކޮށް ކުރިއަށް ގެންދިއުން މައްސަލައަކީ. މި ރިސޯޓްތަކަށް މީހުން ހޭދަކުރާނެ ކަމަށް އެ މީހުން ލަފާކުރީ މާ ބޮޑު އަދަދުތަކެއް."

މީގެ އިތުރުން ސައޫދީގެ ބޮޑެތި އެެހެން މަޝްރޫއުތަކުގައި ވެސް މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ރިޔާޟްގައި އަޅާ 400 މީޓަރު (1،300 ފޫޓް) އުސް އިމާރާތެއް ކަމަށްވާ މުކާބްގެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފަ އެވެ. 

"އެންމެ ފުރަތަމަ ވެސް އެއީ ހަގީގަތަކަށްވާ ވަރުގެ ޕްރޮޖެކްޓެއް ނޫން. އެއީ ހަމަ ހިޔާލީފޮލާއެއް،" އޭނާ ވިދާޅުވި އެވެ. 

ސައޫދީން ވަނީ ބިނާކުރަމުން އާ ސިޓީއެއް ކަމަށްވާ ނިއޫމްގައި 2029 ވަނަ އަހަރު ބާއްވަން ނިންމި އޭޝިއަން ވިންޓަ ގޭމްސް ވެސް ދޫކޮށްލައިފަ އެވެ. 

ނަމަވެސް އާރްއެސްޖީ އިން ބުނީ އެ ކުންފުނި އޮތީ ވަރަށް ވަރުގަދަ އޮޕަރޭޝަނަލް އަދި ކޮމާޝަލް ފޯމެއްގައި ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ 3،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަށް ނަގާފައި ކަމަށާއި މިދިޔަ ހަތަރު މަހު ވެސް 900 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ވެސް ބުންޏެވެ.