ބަޑިޖެހުމުގެ ހާދިސާތައް އިތުރުވެފައިވާ ސްރީ ލަންކާގައި މިއަދު ކާރެއްގެ ތެރޭގައި ތިބި އަންހެނަކާއި ފިރިހެނަކަށް ހަމަލާދީ މަރާލައިފި އެވެ.
މި އަމަލު ހިންގާފައިވަނީ ތަލަންގަމާގެ އަކުރެގޮޑާގަ އެވެ. މިއީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ.
ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި ބަޑި ޖަހާފައި ވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ތިބި ދެ މީހެއްގެ ގަޔަށެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތަނުން ފިރިހެން މީހާ އަކީ ކޮލަމްބޯ ހައި ކޯޓަށް އާންމުކޮށް ގޮސް އުޅޭ ގާނޫނީ ވަކީލެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރާލީ ވަކީލާއި އޭނާގެ އަނބިމީހާ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ ޓީ56 ބަޑިއެއް ކަމަށާއި ހަމަލާ ދިން ވަގުތު ދެ މީހުން ވެސް މަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން މީހުން އައީ ސައިކަލެއްގަ އެވެ. އަދި އެ އަމަލު ހިންގުމަށް ފަހު ވަނީ ފިލައިގެން ގޮސްފަ އެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާ ހިންގާފައިވާއިރު އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.