ކުޑަކުދިންނާ ބެހުމާއި ޖިންސީ އެކި ކުށްތައް ސާބިތުވި ޖެފްރީ އެޕްސްޓީންއާ އެކު ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްތާން އަހްމަދު ބިން ސުލަޔަމް ގިނަ މުއާމަލާތްތަކެއް ހިންގައި އޭނާގެ މުޑުދާރު އަމަލުތަކުގައި ބައިވެރިވެފައިވާކަން ހާމަވެފައި ވަނިކޮށް މަގާމުން ވަކިކޮށްފި އެވެ.
ދުބާއީގެ ޑީޕީ ވޯލްޑުގެ އެންމެ އިސް މަގާމަށް އާ ބޭފުޅަކު އައްޔަންކުރިކަން ހާމަކޮށް ބަޔާނެއް ނެރުނު ކަމުގައި ވިޔަސް އެ ބަޔާނުގައި ސުލަޔަމްގެ ނަން ވެސް ގެނެސްފައެއް ނުވެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި އެތައް މިލިއަން ޑޮކިއުމެންޓެއްގައި ސުލަޔަމްގެ ނަން 9،400 އަށް ވުރެ ގިނަ ފަހަރު އައިސްފައިވެ އެވެ. އަދި އޭނާ އާއި އެޕްސްޓީން ދައްކާފައިވާ އެކި ވާހަކަތަކާ ގުޅޭ ސުރުހީތައް މީޑިއާގައި ވަރަށް ގަދަޔަށް ދައުރުވެފައިވެ އެވެ.
"ޑީޕީ ވޯލްޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ހިޒް އެކްސެލެންސީ އީސާ ކާޒިމް އައްޔަން ކޮށް، ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޔުވްރާޖް ނާރަޔަން އައްޔަން ކޮށްފި،" ދުބާއީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ބަޔާނަށް ފަހު ޑީޕީ ވޯލްޑްގެ ވެބްސައިޓުން ސުލަޔަމްގެ ބަޔޯގްރަފީ ވެސް ވަނީ ނަގައިފަ އެވެ.
ޕޯޓްތައް އޮޕަރޭޓްކުރާ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޑީޕީ ވޯލްޑްގެ ވެރިޔަކަށް ހުންނެވި ސުލަޔަމް އަކީ، ކުށް ސާބިތުވުމުން ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި އެޕްސްޓީންގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ ކަމަށް އެޕްސްޓީންގެ މެއިލްތަކުގައި ބުނެފައިވެ އެވެ.
ހާމަވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެޕްސްޓީން އާއި ސުލަޔަމް 2009 އިން 2018 އާ ހަމަޔަށް އެކި މުއާމަލާތްތައް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އެކި ބައްދަލުވުންތަކުގެ އިތުރުން ވަރަށް ޒާތީ ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.
އެޕްސްޓީން، ޔޫއޭއީގެ ނުފޫޒު ގަދަ ވިޔަފާރިވެރިއެއް ކަމަށްވާ ސުލަޔަމް އެހެން މީހުންނަށް ތައާރަފްކޮށްދީފައިވަނީ ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އެއް އަތުުގެ ގޮތުގަ އެވެ. އަދި އެމެރިކާއަށް ކުރާ ދަތުރުތަކުގައި އެޕްސްޓީންގެ ގެޔަށާއި އެޕްސްޓީންގެ ޕްރައިވެޓް އައިލެންޑަށް އެތައް ފަހަރަކު ގޮސްފައިވާކަން ވެސް ލިޔުންތަކުން ހާމަވެ އެވެ.
އެކި އަންހެނުންނާ އެކު ބޭއްވި ގުޅުންތަކުގެ ވާހަކަ ވެސް ސުލަޔަމް ތަފްސީލްކޮށް އެޕްސްޓީންއާ ހިއްސާކޮށްފައި އެބަހުއްޓެވެ.
އެޕްސްޓީންގެ މައްޗަށް ކުށް ސާބިތުވީ 2008 ވަނަ އަހަރު އެވެ. އެކަމަކު 2009 ވަނަ އަހަރު އޭނާ މިނިވަންވި ފަހުން ދުނިޔޭގެ މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާ އެކު އޭނާ ބާއްވާފައިވާ ގުޅުން މުޅި ދުނިޔޭގައި ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެޕްސްޓީން ޖަލުގައި މަރުވީ ޖިންސީ ނިޔަތުގައި ކުޑަކުދިން ޓްރެފިކްކުރުމުގެ މައްސަލަ ކޯޓުގައި ފަށަން ތައްޔާރުވެފައ ވަނިކޮށް 2019 ވަނަ އަހަރު އެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް ވެސް ތަހުގީގަށް ފަހު ވަނީ ނިންމައިފަ އެވެ. -- އޭއެފްޕީ