ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބު، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ. 

ޕާޓީގެ ޗެއާަމަން، ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާން ވެސް އޭނާ ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވާއިރު އެއީ އާ ބޮޑުވަޒީރަށް ވާނެ އެވެ.  

ރޭގެ ވަގުތެއްގައި ބީއެންޕީގެ އިސް ލީޑަރެއް ކަމަށްވާ ރާހުލް ކަބީރް ރިޒްވީ ވަނީ ކާމިޔާބީ އިއުލާނުކުރައްވައި ބަޔާނެއް ދެއްވައިފަ އެވެ. އޭނާގެ ބަޔާނުގައި، ކާމިޔާބުކުރެވުނު ގޮނޑީގެ އަދަދު ހާމައެއް ނުކުރައްވަ އެވެ. ޕާޓީގެ މެންބަރުންނަށް އޭނާ ގޮވައިލެއްވީ އުފާ ފާޅުކުރުމަށް މަގުތަކަށް ނުކުތުމުގެ ބަދަލުގައި މިއަދު ހުކުރު ނަމާދުގައި މި ކާމިޔާބީއަށްޓަކައި ޝުކުރު އަދާކުރުމަށެވެ. 

"ބީއެންޕީއަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުނު ކަމުގައި ވިޔަސް އުފާ ފާޅުކުރުމެއް ނޯންނާނެ،" ަބަޔާނުގައި ބުންޏެވެ. "ހުކުރު ނަމާދަށް ފަހު ގައުމުގެ ހުރިހާ މިސްކިތްތަކެއްގައި މިއަދު ހާއްސަ ދުއާއެއް ކުރުން އޮންނާނެ."

މިރޭ ރާއްޖޭ ގަޑިން ފަތިހު 5:00 އާ ހިސާބަށް ސާފުކުރި ނަތީޖާއިން ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށްވާ 150 ގޮނޑިއަށް ވުރެ ވެސް އިތުރަށް ބީއެންޕީއަށް ކަށަވަރުވެ ސާފު އަޣުލަބިއްޔަތު ލިބިފަ އެވެ.

ބަންގްލާދޭޝްގެ އިންތިހާބުގައި އިއްޔެ ވޯޓު ގުނަނީ. -- ފޮޓޯ: އޭއެފްޕީ
ބަންގްލާދޭޝްގެ އިންތިހާބުގައި އިއްޔެ ވޯޓު ގުނަނީ. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގެ ޖުމްނާ އެންޑް ސޮމޯއީ ޓީވީން ރިޕޯޓްކުރި ގޮތުގައި ބީއެންޕީއަށް ވަނީ 197 ގޮނޑި ލިބިފަ އެވެ. 

ޖަމާއަތު އިސްލާމީ އިސްވެ އޮތް، ދީނީ ޕާޓީތަކުގެ އިއްތިހާދު ދެ ވަނައަށް އޮތް އިރު މިހާތަނަށް ލިބިފައިވަނީ 63 ގޮނޑި އެވެ. މިއީ އެ އިއްތިހާދަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ މާ މަދު އަދަދެކެވެ. 

މެންބަރުން އިންތިހާބުކުރާ 300 ދާއިރާގެ ތެރެއިން އިއްޔެ ވޯޓުލުން ބޭއްވި 299 ދާއިރާގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު، ރަސްމީކޮށް ނަތީޖާ އިއުލާނެއް ނުކުރެ އެވެ. 

މީގެ އިތުރުން، އަންހެނުންނަށް ހާއްސަކޮށްފައިވާ 50 ގޮނޑިއަށް ޕާޓީތަކުން ކަނޑައަޅާ ނަންތައް ވެސް އަދި އިއުލާނުކުރާނެ އެވެ. 

އާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ރަހްމާން، 60، އިންތިހާބުގެ ކުރިން އޭއެފްޕީއަށް ދެއްވި އިންޓަވިއުގައި ވެސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ނިކަމެތިކޮށްލި ބީއެންޕީ، 170 މިލިއަނުގެ އާބާދީއެއް އޮތް ގައުމުގެ ވެރިކަމަށް އަލުން އަންނާނެ ކަމަށް ވަރަށް ޔަގީންކަމަށް ވިދާޅުވެފަ އެވެ. 

ބަންގްލާދޭޝްގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދަނީ. -- ފޮޓޯ: އޭއެފްޕީ
ބަންގްލާދޭޝްގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދަނީ. -- ފޮޓޯ: އޭއެފްޕީ

ބީއެންޕީގެ އިލެކްޝަން ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ މަހްދީ އަމީން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެ ޕާޓީން މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ހޯދާނެ އެވެ. 

"އާންމުންގެ ބޮޑު ތާއީދާ އެކު ބީއެންޕީއަށް މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ލިބި ސަރުކާރު އެކުލަވާލަން ފުރުސަތު ލިބޭނެ،" 

އޭނާ ވިދާޅުވީ މި ވަގުތުން ފެށިގެން ގައުމު އާރާސްތުކުރުމުގެ މަސައްކަތް ފެށުނީ ކަމަށެވެ. 

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ 85 އަހަރުގެ މުހައްމަދު ޔޫނުސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަން 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް ގެނައުމުން ގައުމު ހިންގުމާ ހަވާލުވެ ވަޑައިގެން އިންތިހާބާ ހަމަޔަށް ހުރިހާ ކަމެއް ބަލަހައްޓަވައިފަ އެވެ. އޭނާގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާ ވެސް ކޮށްފަ އެވެ. 

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ.  -- އޭއެފްޕީ