އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އަކީ ޓެރަރިސްޓުން ކަމަސް ޔޫރަޕިއަން ޔުނިއަން އިން ކަނޑައެޅުމުން އީރާނުން ޔޫރަޕްގެ ސިފައިންނަކީ ވެސް ޓެރަރިސްޓުން ކަމަށް މިއަދު ކަނޑައަޅައިފި އެވެ. 

އީރާނުން މިގޮތަށް ފާސްކުރުމަށް ބޭއްވި ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއަށް މެންބަރުން ހާޒިރުވެ ތިބީ އީރާން ސިފައިންނާ އެކުގައި ތިބިކަން ރަމްޒުކޮށްދިނުމަށް، ސިފައިންގެ ޔުނިފޯމް ސިފަކޮށްދޭ ފެހި ކުލައިގެ ހެދުމުގަ އެވެ. އަދި އިޒްރޭލާއި ޔޫރަޕާ ދެކޮޅަށް އަޑު އުފުލައި ހަލާކަށް ގޮވާލި އެވެ. 

އީޔޫގެ "ޒިންމާދާރުކަން ކުޑަ އަމަލަށް" ފާޑު ވިދާޅުވަމުން އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރް ޣާލިބާފް ވިދާޅުވީ، އީރާންގެ އިންގިލާބީ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަދާފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ޔޫރަޕްގެ ގައުމުތަކުގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައެޅީ ކަމަށެވެ.

މި ނިންމުމުގެ ނަތީޖާއަކީ ކޮބައިކަމެއް އަދި ސާފެއް ނޫނެވެ. 

އެ ގާނޫނަކީ އެމެރިކާއިން 2019 ވަނަ އަހަރު، އައިއާރްޖީސީ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައެޅުމާ ގުޅިގެން ފާސްކުރި ގާނޫނެކެވެ. 

އީރާން ސިފައިންގެ އެންމެ ޝަރަފްވެރި ލަޝްކަރު ކަމަށްވާ އައިއާރްޖީސީ އަކީ ބޭރުގެ ނުފޫޒުތަކުން އީރާން ސަލާމަތްކުރުމުގެ ޒިންމާ އޮންނަ އެންމެ މުހިންމު ލަޝްކަރެވެ. 

އައިއާރްޖީސީ އަކީ ޓެރަރިސްޓުން ކަމަށް ޔޫރަޕުން ކަނޑައެޅީ އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށް އެތައް ހާސް ބަޔަކު މަރާލުމުގެ ތުހުމަތާ އެކުގަ އެވެ. އީރާނުން ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް މި ފަހުން ކުރި މުޒާހަރާތަކަކީ ސީދާ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި ބާރުގެ ބޭނުންކޮށްގެން ހުއްޓުވަން ޖެހުނީ އެހެންވެ ކަމަށެވެ. 

ޔޫރަޕާއި އެމެރިކާގެ އިތުރުން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ބަލަނީ އައިއާރްޖީސީ އަކީ ޓެރަރިސްޓުން ކަމަށެވެ. 

ޣަލިބާފް ވިދާޅުވީ ޔޫރަޕްގެ ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒަޔަނިސްޓް ވެރިކަމުގެ ލީޑަރުންގެ އަމުރަށް ނިންމި ނިންމުމެއް ކަމަށެވެ.  އަދި މިއީ މުސްތަގުބަލުގައި "ވޯލްޑް އޯޑާ" ގައި ޔޫރަޕަކީ ބޭކާރު ބަޔަކަށް ވުމަށް  މެދުވެރިވާނެ ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޔޫރަޕްގެ ނިންމުމުގެ ސަބަބުން އާންމުންގެ ތާއީދު އައިއާރްޖީސީ އަށް އިތުރުވުން ނޫން ކަމެއް ނުވެ އެވެ.