މިއަންމާ ސިފައިން ފަހަރަކު ގެޔަކަށް ވަދެ، ރޮހިންޖާ ދަރިކޮޅުގެ ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ނިޒާމީ ގޮތެއްގައި މަރައި، ރޭޕްކޮށް، އަންދަމުން ދިޔަކަމުގެ ހެކިތައް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި މިހާރު ކުރިއަށްދާ މައްސަލައިގެ ދެ ވަނަ ދުވަހުގެ އަޑުއެހުމުގައި ހުށަހަޅައިފި އެވެ.

ރޮހިންޖާ ދަރިކޮޅު ނައްތާލުމަށް މިއަންމާއިން މަސައްކަތްކުރާ ކަމަށް ބުނެ ގެމްބިއާއިން ހުށަހަޅާފައިވާ މި މައްސަލަ ބިނާކޮށްފައިވަނީ 2017 ވަނަ އަހަރު ރޮހިންޖާއިންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރީމާތަކަށެވެ. 

މި ތުހުމަތުތަކާ ގުޅޭ ހެކި ތިން ހަފްތާގެ ތެރޭގައި ނަގަން ކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ. 

މިޔަންމާގެ އުތުރު ރާޚީން ސްޓޭޓްގެ އަވަށަކަށް ދިން ލާއިންސާނީ ހަމަލާތަކުގެ ތަފްސީލީ ހެކިތައް، ގެމްބިއާގެ ވަކީލު ތަފަދްޒްވާ ޕަސިޕަނޯޑްޔާ ކޯޓަށް ހުށަހަޅުއްވަމުން ވިދާޅުވީ ސިފައިން ވަނީ ދުވަސްވީ މީހުންގެ ބޯ ބުރިކޮށް، އަންހެނުންނާއި އަންހެން ކުދިން ގޭންގް ރޭޕްކޮށް އަދި ތުއްތު ކުދިން ކޯރުތަކަށް އުކާފައި ކަމަށެވެ.

މީގެ އިތުރުން، އަވަށްތަކުގެ ހުރިހާ އެންމެން މެރުމަށް ފަހު، "ސާފުކުރުމުގެ އޮޕަރޭޝަން" ތަކުގެ ނަމުގައި ނިޒާމީ ގޮތެއްގައި އިމާރާތްތަކުގައި ހުޅުޖަހާފައިވާ ކަމަށް ޕަސިޕަނޯޑްޔާ ތުހުމަތު ކުރެއްވި އެވެ.

"މި ހުރިހާ ހެކިތަކަކުން ދަލީލުކޮށްދެނީ، މިއަންމާގެ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް، ރޮހިންޖާ ދަރިކޮޅު ނައްތާލުމުގެ ނިޔަތުގައި އެގައުމުން އަމަލުކޮށްފައިވާކަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިޔަންމާގެ އަސްކަރިއްޔާއިން އަބަދުވެސް ބުނަމުންދަނީ، އެ ހަރަކާތްތަކަކީ ރޮހިންޖާ ހަނގުރާމަވެރިން ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމުން ހިންގަންޖެހުނު އޮޕަރޭޝަނެއް ކަމަށެވެ.  

މި އަނިޔާވެރިކަމުގެ ސަބަބުން އެތައް ލައްކަ ރޮހިންޖާ މުސްލިމުންނެއް ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި އޮންނަ 8،000 އޭކަރުގެ ސަރަހައްދެއްގައި އޮންނަ ކުދި ކޭމްޕުތަކުގައި ރޮހިންޖާގެ 1.17 މިލިއަން މީހުން އުޅެ އެވެ.

މި ތުހުމަތުތަކަށް ރައްދު ދިނުމަށް މިޔަންމާގެ ވަކީލުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.