އީރާންގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރަށް ކޮންޓްރޯލް އޮތްކަން ދައްކަން އަޑު އުފުލައިފި އެވެ.
ސަރުކާރަށް ތާއީދުކޮށް މީހުން އެއްވެފައި މި ވަނީ އީރާން އޮތީ ހަނގުރާމައަށް ވެސް އަދި މަޝްވަރާއަށް ވެސް ތައްޔާރަށް ކަމަށް ފޮރިން މިނިސްޓްރީން ބުނުމަށް ފަހުގަ އެވެ. އަދި އެމެރިކާއިން ވަނީ އީރާނުން މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް މީހުން މަރާ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވިޔަސް މުޒާހަރާގެ ބައިވެރިންނަށް އެހީވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އިގްތިސާދީ މައްސަލަތަކާ ހެދި މީގެ ދެ ހަފްތާ ކުރިން ފެށި މުޒާހަރާތައް ފުޅާވެ ވެރިކަން ވައްޓާލުމުގެ ހަރަކާތަކަށް ބަދަލުވެފައި ވާއިރު މިއީ އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގެ ފަހުން ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އީރާނުން ވަނީ ހާލަތު ކޮންޓްރޯލްކުރުމަށް އެކި ފިޔަވަޅުތައް އަޅައި މުޅި ގައުމުން މީގެ ތިން ދުވަސް ކުރިން ފެށިގެން އިންޓަނެޓް ވެސް ކަނޑާލައިފަ އެވެ. ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނަނީ މިއީ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެކަން ފޮރުވަން އެޅި ފިޔަވަޅެއް ކަމަށެވެ.
މުޒާހަރާތަކާ އެކު އީރާންގެ ސަރުކާރަށް ފިއްތުން އިތުރުވެފައި ވަނިކޮށް މިއަދު ވަނީ ވެރިރަށް ތެހެރާންގައި އޮންނަ އިންގިލާބުގެ މައިދާނަށް ގައުމީ ދިދައާ އެކު އެތައް ހާސް ބަޔަކު އެއްވެ ސަރުކާރާ އެއްކޮޅަށް އަޑު އުފުލައިފަ އެވެ. އެ މަންޒަރުތައް ވަނީ ގައުމީ ޓީވީން ދައްކައިފަ އެވެ.
އެއްވެފައިވާ މީހުންނާ މުހާތަބުކުރައްވަމުން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާޣިރު ޣާލިބާފް ވިދާޅުވީ އީރާނުން މިހާރު ދަނީ ހަތަރު ފަރާތުން ހަނގުރާމަކުރަމުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދީ ހަނގުރާމަ، ފިކުރީ ހަނގުރާމަ، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަސްކަރީ ހަނގުރާމަ އަދި ޓެރަރިސްޓުންނާ ދެކޮޅު ހަނގުރާމަ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެރަރިސްޓުންގެ ގޮތުގައި އޭނާ ސިފަކުރެއްވީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނެވެ.
އެމެރިކާ އާއި އީރާނަށް އޮތީ މަރު ކަމަށް ވިދާޅުވެ އަޑު އުފުއްލަވަމުން އޭނާ ވިދާޅުވީ އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ހަނދާން ނުނެތޭނެ ފިލާވަޅެއް" ލިބޭނެ އެވެ.
ޓްރަމްޕު އިއްޔެ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. އީރާނުން ވަނީ މަޝްވަރާއަށް އެދިފައި ކަމަށާއި އެކަމަކު މަޝްވަރާގެ ކުރިން ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
އީރާނުން ވެސް ވަނީ އެމެރިކާއާ އެކު ކޮންމެ ވަގުތެއްގައި ވެސް ވާހަކަ ދެކެވޭ ގޮތަށް ގުޅުން އުފެއްދިފައިވާ ކަމަށް ބުނެފަ އެވެ. އީރާނުން ހަނގުރާމައެއް ބޭނުން ނުވާ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހިއްޖެ ނަމަ އޮންނާނީ ތައްޔާރަށް ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ