ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން، ގަދަކަމުން ސޮމާލީ ލޭންޑަށް ގެންދަން އިޒްރޭލުން ރާވަމުންދާކަމުގެ ތުހުމަތުކޮށްފި އެވެ.
ސޯމާލިޔާގެ ބައެއްގައި 1991 ވަނަ އަަހަރުން ފެށިގެން އިއުލާނުކޮށްގެން އުޅޭ ވަކި "ދައުލަތެއް" ކަމަށްވާ ސޯމާލީ ލޭންޑް އެއީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ވަނީ ބަލައިގެންފަ އެވެ.
ސޯމާލިއާއިން ވަކިވެގަނެ، ވަކި ދައުލަތެއް ކަމަށް އިއުލާނުކޮށްގެން އުލޭ އެ ސަރަަހައްދަކީ ވަކި ދައުލަތެއް ކަމަށް މީގެ ކުރިން އެހެން އެއްވެސް ގައުމަކުން ބަލައިގަނެފައެއް ނުވެ އެވެ.
ސޯމާލިއާގެ ޑިފެންސް މިނިސްޓަރު މުއައްލިމް ފިގްހީ، ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އިޒްރޭލުން ރާވަމުންދަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން، ގަދަކަމުން ސޮމާލީ ލޭންޑަށް ބަދަލުކުރުމަށް ކަމަށެވެ.
އެއީ އިތުބާރުހިފޭ އެކި މަސްދަރުތަކުން ޔަގީންކުރެވިފައިވާ މައުލޫމާތެއް ކަމަށް ވެސް، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ސޮމާލީ ލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި، ޣައްޒާގެ ރައްޔިތުން އެތަނަށް ގެންދިޔުމަކީ އެއްބަސްވުމުގައި ހިމެނޭކަމެއް ނޫން ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.
ނަމަވެސް، ސޯމާލިއާގެ ރައީސް ހަސަން ޝެއިހް މަހްމޫދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އިޒްރޭލުން ސޮމާލީ ލޭންޑް ބަލައިގެންފައިވަނީ، ތިން ޝަރުތަކަށް އެއްބަސްކުރުވައިގެންނެވެ.
މިގޮތުން، ޣައްޒާގެ ރައްޔިތުން އެތަނަށް ބަދަލުކުރުމާއި، އިޒްރޭލުގެ މަރުކަޒެއް ގާއިމުކުރުމާއި، އިޒްރޭލާއެކު ރަސްމީކޮށް ސިޔާސީ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް މަހްމޫދު ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުން ސޮމާލީ ލޭންޑް ބަލައިގަތުން ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށް، އެ ނިންމުން އަނބުރާ ގެންދަން އިޒްރޭލަށް ގޮވާލައިފަ އެވެ.