އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވި ޒުވާން ކެންޑިޑޭޓް ޒަހްރާން މަމްދާނީ އާ އަހަރާ އެކު މަގާމުވެ ހުވާކުރައްވައި މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވައިފި އެވެ.
ނިއު ޔޯކަށް 2026 ވަނަ އަހަރު ފެށުނު ވަގުތު މަމްދާނީ މަގާމުގެ ހުވާކުރެއްވީ ސިޓީ ހޯލްގެ ދަށުގައި މިހާރު ބޭނުން ނުކޮށް ދޫކޮށްލާފައިވާ ސަބްވޭ ސްޓޮޕެއްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީ ހުވާކުރެއްވީ ގުރުއާން މުސްހަފެއްގައި އަތްތިލަ ބީއްސަވައިގެން ހުންނަވަ އެވެ. އެ މުސްހަފު ހިފަހައްޓަވައިގެން ހުންނެވީ އަނބިކަނބަލުން ރާމާ ދުވާޖީ އެވެ.
މަގާމުގެ ހުވާކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިއު ޔޯކަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ "މުޅި އުމުރަށް ލިބިގެން ދިޔަ ޝަރަފެއް އަދި ފަހުރެއް" ކަމަށެވެ.
މަމްދާނީގެ އޮފީހުން ބުނީ ސަބްވޭ ސްޓޮޕެއްގައި ރަސްމިއްޔާތު ބޭއްވީ ވަޒީފާ އަދާކޮށް ބުރަކޮށް މަސައްކަތްކުރާ މީހުންނަށް މަމްދާނީ ވެ ވަޑައިގެންފައިވާ ވައުދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.
ކުލި ކޮންޓްރޯލްކުރުމާއި އާންމު ދިރިއުޅުމުގެ އަގުތައް ދަށްކުރުމާއި ހިލޭ ބަސް ދަތުރުކުރެވޭނެ ގޮތް ހެދުން ފަދަ ބޮޑެތި ވައުދުތަކާ އެކު އިންތިހާބު ކާމިޔާބުކުރެއްވި މަމްދާނީ އަކީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވި ވަޑައިގަތުމުގެ ކުރިން ގިނަ ބަޔަކަށް އެނގޭ ބޭފުޅެއް ވެސް ނޫނެވެ.
އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޮޑެތި މަހުޖަނުންގެ އެންޓި ކެމްޕޭންގެ ކުރިމަތީގައި ބޮޑު ކާމިޔާބީއެއް މަމްދާނީއަށް ލިބިޑައިގަތީ ލިބުނު ކުއްލި ބޮޑު މަގުބޫލުކަމާއި މަޝްހޫރުކަމާ އެކުގަ އެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި މަމްދާނީގެ ވައުދުތައް ހަގީގަތަކަށް ހެދުން، ޓްރަމްޕުގެ އެއްބާރުލުން ލިބޭ މިންވަރެއްގެ މައްޗަށް ބިނާވާނެ އެވެ.