އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން މުޒާހަރާ ވަރުގަދަކުރުމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ފާޅުގައި ގޮވާލައިފި އެވެ.

"އެންމެން އެކުގައި މަގުތަކަށް ނުކުމޭ. ވަގުތު ޖެހިއްޖެ. އަހަރެމެން މި ތިބީ އެކުގައި،" އެކްސްގައި ފާރްސީ ބަހުން މޮސާޑުން ކުރި ޕޯސްޓަކާ ހަވާލާދީ އިޒްރޭލުގެ އާމީ ރޭޑިއޯ އިން ބުންޏެވެ.

"މި ތިބީ ދުރަކު ނޫން އަދި މިއީ ހަމައެކަނި ބުނެލާ ބަހެއް ވެސް ނޫން. އަހަރެމެން މި ތިބީ މުޒާހަރާގައި ތިޔަ އެންމެންނާ އެކީ [ގްރައުންޑުގައި]."

އީރާނުގައި އާދީއްތަ ދުވަހު މުޒާހަރާ ފެށީ އެ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާ މައްސަލައިގައި އެ ގައުމުގެ ވިޔަފާރިވެރިންނެވެ. ވެރިރަށް ތެހެރާނާއި އެހެން ސިޓީތަކުގައި ފެށި މުޒާހަރާތަކުގައި މިހާރު ވަނީ ދަރިވަރުން ވެސް ބައިވެރިވެފަ އެވެ.

އީރާންގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާއި އެހެން ކަރަންސީތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އަގު ދަށްވެ އިމްޕޯޓް މުދަލުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އީރާންގައި މުޒާހަރާކުރާ މީހުންނަށް މޮަސާޑުން ހިތްވަރުދީފައި މި ވަނީ އީރާނުން ނިއުކްލިއާ މަރުކަޒުތަކާއި ބެލަސްޓިކް ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދާ ނަމަ އީރާނަށް އަނެއްކާވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައްދަލުވުމަށް ފަހު ދީފައި ވަނިކޮށެވެ.

މި އަހަރުގެ ކުރީކޮޅު އިޒްރޭލުގެ އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން އީރާންގެ ނިއުކްލިއާ އަދި އަސްކަރީ އެތައް މަރުކަޒަކަށް ބޮން އަޅައި ގެއްލުން ދީފައި ވާއިރު ބިންގަރާހުގައި ހަދާފައިވާ ނިއުކްލިއާ ފެސިލިޓީތަކަށް ވަނީ އެމެރިކާގެ އެންމެ ބާރުގަދަ ބޮންތަކުން ހަމަލާ ދީފަ އެވެ.

އީރާނުން ވަނީ އިޒްރޭލުގެ ހަމަލާަތަކުގެ ރައްދުގައި އެތައް ސަތޭކަ މިސައިލެއް ފޮނުވާލައި އިޒްރޭލަށް ވެސް ބޮޑެތި ގެއްލުންތައް ދީފަ އެވެ.