ފަލަސްތީނުގެ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ މަދަނީ އަދި ބައިނަލްއަގުވާމީ ޖަމާއަތްތައް ވަގުތީ ގޮތުން މަނާ ކުރާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.

އިޒްރޭލުގެ ސަރުކާރުން މި އިންޒާރު ދިނީ، ބައެއް ޖަމާއަތްތަކުގައި މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންގެ ފުރިހަމަ މައުލޫމާތު ނުދޭ ކަމަށް ތުހުމަތުކޮށެވެ.

މިގޮތުން، ޑޮކްޓާސް ވިތުއައުޓް ބޯޑާސް (އެމްއެސްއެފް) ގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއާތާ ގުޅުން އޮންނަކަމަށް އިޒްރޭލުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އިޒްރޭލުގެ ކަމާގުޅޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެހީދޭ ޖަމާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފުރިހަމަ މައުލޫމާތު ނުދޭ ޖަމާއަތްތަކުން ޣައްޒާގައި ހަރަކާތްތެރިވުމުގެ ލައިސެންސް މާދަމާ އިން ފެށިގެން ބާތިލުކުރާނެ ކަމަށެވެ.

އެއާ އެކު، އެ ޖަމާއަތްތަކުގެ ހަރަކާތްތައް އަންނަ އަހަރުގެ މާޗް 1 އިން ފެށިގެން ހުއްޓާލަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ޖަމާއަތްތަކުގެ ނަންތަކެއް އިޒްރޭލުން ހާމަކޮށްފައެއް ނުވެ އެވެ.

މިކަމުގެ ސަބަބުން، ޣައްޒާ އަށް ވެއްދޭ މަދު އެހީކޮޅު ބެހުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ގިނަ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ޣައްޒާ އަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެހީ ނުވެއްދޭ ކަމަށް އދ.އިން ވެސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، ހަމާސް އާއި އިޒްރޭލާ ދެމެދު ހަމަލާތައް ހުއްޓައިލުމަށް އެކުލަވައިލި އެއްބަސްވުމުގައި، ދުވާލަކު 600 ލޮރީގެ އެހީ ޣައްޒާއަށް ވެއްދޭނެކަމަށް ބަޔާންކޮށްފައިވިޔަސް، އޭގެ ދެ ބައި ކުޅަ އެއްބައި ވެސް ވެއްދުމުގެ ފުރުސަތު އިޒްރޭލުން ދީފައެއް ނުވެ އެވެ.

އެހީ ވެއްދުމަށް ހުރަސްއެޅުމުގެ އިތުރުން، އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެ، އިޒްރޭލުން އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. --އޭއެފްޕީ