ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންގެ ގެކޮޅަށް ޑްރޯން ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތު ޔޫކްރޭނުން ދޮގުކޮށްފި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޯވް ވިދާޅުވީ، ރަޝިޔާގެ ނޮވްގޮރޯޑް ސަރަހައްދުގައި ހުންނަ ޕުޓިންގެ ގެކޮޅަށް 91 ޑްރޯން ހަމަލާ އަމާޒު ކޮށްފައިވާ ކަމަށެވެ.

އެ ހުރިހާ ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައި ވިޔަސް، ލެވްރޯވް ވަނީ ޔޫކްރޭނުން ދޭން އުޅުނު މި ހަމަލާ، ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިޔާގެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.

އަދި މިފަދަ ދޮގު ވާހަކަތައް ފަތުރަނީ، ރަޝިޔާ-ޔޫކްރޭނު ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރަން، އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް ފެއިލް ކޮށްލުމުގެ ބޭނުމުގައި ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން، ޓްރަމްޕް ވަނީ މިއީ މިފަދަ ކަމެއް ކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށާއި މިކަން ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕުޓިންގެ ގެކޮޅަކަށް ހަމަލާދިންކަމުގެ ތުހުމަތު ކޮށްފައި ވަނީ، އެމެރިކާ އާއި ޔޫކްރޭނުގެ މަންދޫބުންގެ މެދުގައި ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަނގުރާމަ ނިންމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ޔޫކްރޭނުން ހުށަހަޅާފައިވަނިކޮށެވެ.

އެ އޮނިގަނޑަށް އެމެރިކާގެ ރުހުން ހޯދުމަށް، ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ފްލޮރިޑާއަށް ވަޑައިގެން، ޓްރަމްޕާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

ޔޫކްރޭނުން އެކުލަވާލާފައިވާ ސުލްހައިގެ އޮނިގަނޑުގައި ހިމަނާފައިވާ ނުކުތާތަކަށް ޓްރަމްޕް ހިތްހަމަޖެހިވަޑައިގަތަސް ސަރަހައްދު ކަނޑައެޅުމާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް އަންނަ އިރު ދެ ފަރާތުގެ ސަރަހައްދު ކަނޑައެޅުމަށް ހިމަނާފައިވާ ނުކުތާއާ މެދު އެއްބަސްވުމަކަށް ނާދެވެ އެވެ.

ޔޫކްރޭނުން މިހާރު ހުށަހަޅާފައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އައުމާ އެކު ޔޫކްރޭނުގެ ޑޮންބާސްގެ އިރުމަތީ ސަރަހައްދުން އިން ވަކިކޮށް، ޑީމިލިޓަރައިޒްޑް ޒޯނެއް ކަނޑައެޅޭނެ އެވެ.

ޑޮންބާސްގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ރަޝިޔާ ސިފައިން ހިފައިފަ އެވެ. އަދި އެ ސަރަހައްދުން އެއްވެސް ބަޔަކަށް ދޫނުދޭނެ ކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.