ވޮޝިންޓަން (ޖެނުއަރީ 31) - ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ މެދު ގާނޫނީ ގޮތުން ސުވާލު އުފެއްދުމާ އެކު އެމެރިކާގެ ވަގުތީ އެޓާނީ ޖެނެރަލް ސެލީ ޔޭޓްސް މަގާމުން ވަކިކޮށްފި އެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި ޔޭޓްސް ވަނީ އެމެރިކާ އަށް ބައެއް ގައުމުތަކުގެ މީހުންނާއި ރެފިއުޖީން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އެންގެވި އަމުރު ތަންފީޒު ނުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަންގަވައިފަ އެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ޓްރަމްޕުގެ އަމުރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި އެކަމަނާ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވިހާ ދުވަހަކު އެ އަމުރު ތަންފީޒު ނުކުރައްވާނެ ކަމަށް ޔޭޓްސް ވަނީ އަންގަވައިފަ އެވެ.

ޔޭޓްސް މިހެން ވިދާޅުވިތާ މާގިނައިރެއް ނުވަނީސް ވައިޓްހައުސް އިން ބުނެފައި ވަނީ ޔޭޓްސްގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ރައީސް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ.

ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ވަނީ ޔޭޓްސް ވަނީ ޑިޕާޓްމަންޓަށް "ޚިޔާނާތްތެރިވެފައި" ކަމަށް ބުނެފަ އެވެ.

"ޔޭޓްސް ވަނީ އެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން ނެރުނު އަމުރު ތަންފީޒު ކުރުމުގައި ޖަސްޓިސް ޑިޕާޓްމަންޓަށް ޚިޔާނަތްތެރިވެފައި،" ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔޭޓްސްގެ ބަދަލުގައި އެޓާނީ ޖެނެރަލް ކަމަށް ވަގުތީ ގޮތުން އައްޔަންކޮށްފައި ވަނީ ވާޖީނިއާ ޑިސްޓްރިކްޓުގެ އެޓާނީ ޖެނެރަލް ޑަނާ ބޮއެންޓޭ އެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޓްރަމްޕް އެންގެވުމާ އެކު އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. އެމެރިކާ އަށް ވަނުން މަނާކޮށްފައި ވަނީ އިރާގު، ސީރިއާ، އީރާން، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނެވެ.