ހޮލީވުޑްގައި އާންމުފައިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ފަށާފައިވާ "ޓައިމްސް އަޕް" ކެމްޕޭނަށް ވަރަށް ގިނަ ފަންނާނުންގެ ސަޕޯޓް މިހާރު އަންނަނީ ލިބެމުންނެވެ. އެގޮތުން އެ ކެމްޕޭނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފަންޑަށް ވެސް ފަންނާނުންގެ އެހީ އަންނަނީ ލިބެމުންނެވެ.
ޑައިރެކްޓަރު ވުޑީގެ އެލަންގެ ކުރިއަށް އޮތް ފިލްމް "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" ގައި ކުޑަ އެކަމަކު މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރެކެބާ ހޯލް ވަނީ އެ ފިލްމުން އޭނާ އަށް ލިބުނު އާމްދަނީ ޓައިމްސް އަޕް ފަންޑަށް ހަދިޔާކޮށްފަ އެވެ.
"މިއީ އަހަރެންގެ ފަރާތުން މި ކެމްޕޭނަށް ދެވޭ ކުޑަކުޑަ އެހީއެއް. ފުރައްސާރަތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އަބަދުވެސް އަހަރެންގެ ސަޕޯޓް އޮންނާނެ،" ރެބެކާ އިސްޓަގްރާމްގައި ބުންޏެވެ.
އޭނާ ބުނީ ވުޑީގެ އެ ފިލްމަށް އެއްބަސްވީ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ ޖިންސީ ގޯނާގެ މައްސަލަގަނޑު ފަޅާ އެރުމުގެ ހަތް މަސް ކުރިން ކަމަށެވެ. އަދި ފިލްމުން އޭނާ އަށް ލިބުނު އާމްދަނީ ހަދިޔާ ކުރީ، ވުޑީ ކަހަލަ މީސްމީހުންނާ އެކު މަސައްކަތް ކުރި ނަމަވެސް، އެ މީހުންގެ އަމަލުތަކާ ދޭތެރޭ ނުރުހޭކަން ދެއްކުމުގެ ގޮތުން ކަމަށް "ކްރިސްޓީން" އާއި "ދަ ގިފްޓް" ފަދަ ފިލްތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ރެކެބާ، 35، ގެ އިސްޓަގްރާމްގައި އޭނާ ވަނީ ފުރައްސާރައާ ދެކޮޅުކަމާއި ކުރިން ތަޖުރިބާ ކުރެވިފައި ހުރި ބައެއް ކަންކަން ވެސް ހިއްސާކޮށްފަ އެވެ.
ރެބެކާގެ އިތުރުން ފުރައްސާރަތަކާ ދެކޮޅަށް ހިންގާ ކެމްޕޭން ރޭޕް، އެބިއުޒް އެންޑް އިންސެންޓް ނެޝަނަލް ނެޓްވޯކް (ރެއިން) އަށް "އަ ރެއިނީ ޑޭ އިން ނިއުޔޯކް" އިން ލިބުނު އާމްދަނީ އެކްޓަރު ގްރިފިން ނިއުމަން ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ރޮމޭންޓިކް ކޮމެޑީ "އަ ރެއިނީ ޑޭ އިން ނިއުޔޯކް" ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ޖޫޑް އާއި ދާދި ފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ކޯލް މީ ބާއި ޔޯ ނޭމް" ގެ ޒުވާން އެކްޓަރު ޓިމޮތޯ ކެމެލޭ ހިމެނެ އެވެ.