މަޝްހޫރު ޑައިރެކްޓަރު ވުޑީ އެލަންގެ އާ ފިލްމުގެ ކާސްޓަށް، ދުވަސްވީ ތަޖުރިބާކާރު އެކްޓަރު ޖޭމްސް ބެލޫޝީ ގެނެސްފި އެވެ.

ޖޭމްސް، 62، އަކީ "ކޭ-9" އާއި "ވާކިން ސްޓިފްސް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. ވުޑީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ "ދަ ހޯލް ޓްރުތު" ގެ ރޯލަކުން ވެސް ޖޭމްސް ފެނިގެން ދާނެ އެވެ.

ފިލްމުގެ ނަމާއި ވާހަކަ ވެސް އަދި ވަރަށް ބޮޑަށް ސިއްރުކޮށްފައިވާ ވުޑީގެ އާ ފިލްމުގެ ބަތަލާއަކީ ކޭޓް ވިންސްލެޓެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ތާރީހީ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"މިޓްނައިޓް އިން ޕެރިސް" އާއި "ބްލޫ ޖޭސްމިން" ގަދަ ފިލްމުތައް ގެނެސް ދީފައިބާ ވުޑީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ މި މަހުގެ 15 ގައި ރިލީޒް ކުރާ "ކެފޭ ސޮސައިޓީ" އެވެ.

"ޓްވައިލައިޓް" ގެ ބަތަލާ ކްރިސްޓެން ސްޓެވާޓާއި ޖެސޭ އެއިސެންބާގްގެ އިތުރުން ބްލޭކް ލިވެލީ އަދި ސްޓީވް ކެރެލް ފަދަ ތަރިން ފެނިގެންދާ އެ ފިލްމު ވަނީ މެއި މަހުގެ ތެރޭގައި އޮތް ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލައިފަ އެވެ.