މަރުވެގެން އިޓަލީގެ ގޮނޑުދޮށަށް މިދިޔަ ހަފުތާގައި ލެއްގި ބޮޑުމަހެއްގެ ބަނޑުން 22 ކިލޯގެ ޕްލާސްޓިކް ފެނިފައިވާ ކަމަށާއި މަހުގެ ބަނޑުގައިވާ ކުދި ދަރިންތައް ވެސް މަރުވެފައިވާ ކަމަށް އިޓަލީގެ އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ސީމީގެ ރައީސް ލޫކާ ބިޓާއޫ ވެސް ވަނީ މި ވާހަކަ ދައްކަވައިފަ އެވެ.
ބިޓާއޫ ވިދާޅުވީ މަހުގެ ބަނޑުގައި ޑަސްބިން ކޮތަޅާއި މަސް ހިފާ ދަލާއި މަސް ބާނާ ނަނާއި ޕްލާސްޓިކް ހޮޅި އާއި އެއްޗެހި ދޮންނަން ބޭނުންކުރާ ލިކުއިޑް އަޅާ ޕްލާސްޓިކް ކޮތަޅެއް ވެސް އޮތް ކަމަށެވެ. މި ކޮތަޅުގެ ލޭބަލް އާއި ބާކޯޑް ވެސް ރީއްޗަށް ކިޔަން އެނގޭ ކަމަށާއި ދެން ހުރި ޕްލާސްޓިކްގެ ބާވަތްތައް ހުރީ ކޯއްޗެއް ނޭނގޭ ވަރަށް ހަލާކުވެފައި ކަމަށް ބިޓާއޫ ވިދާޅުވި އެވެ.
ބިޓާއޫ ވިދާޅުވި ގޮތުގައި މަސް މަރުވުމުގެ ކުރިން ބަނޑުގައި ދަރިންތައް މަރުވެ އެ އެއްޗެހި ހުރީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.
މަރުވި ބޮޑުމަހުގެ ދިގުމިނުގައި 26 ފޫޓު ހުއްޓެވެ. މި މަސް ލައްގާފައި އޮއްވައި ފެނުނީ އިޓަލީގައި ގިނަ އަދަދަކަށް ޓޫރިސްޓުން ގޮސް އުޅޭ ސާޑިނިއާގެ ގޮނޑުދޮށުންނެވެ.
މަސް މަރުވި ސަބަބު ދެނެގަތުމަށް މިހާރު އަންނަނީ ޓެސްޓްތައް ހަދަމުންނެވެ.
މަރުވެފައި އޮތް މަހުގެ ބަނޑުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފެނުމުން އިޓަލީގެ ތިމާވެއްޓާ ބެހޭ ވަޒީރު ސާޖިއޯ ކޮސްޓާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ޕްލާސްޓިކް ގިނަވުމުގެ މައްސަލަ އަކީ އެހާ ބޮޑު ކަމެއް ނޫން ކަމަށް ދެކޭ ބަޔަކު އަދިވެސް އެބަ އުޅޭތޯ ސުވާލު ކުރައްވާފައިވެ އެވެ.
މިދިޔަ މަހު ތައިލެންޑަށް ލެއްގި ބޮޑުމަހެއްގެ ބަނޑުން ވެސް 80 ކިލޯގެ ޕްލާސްޓިކް ފެނުނެވެ. އަދި މަރުވެެގެން ފިލިޕިންސަށް ލެއްގި މަހެއްގެ ބަނޑުން 40 ކިލޯގެ ޕްލާސްޓިކް ފެނުނެވެ.