ދޮވުމަށް ވުރެ ފަސޭހަ "ބުރަ" މަސައްކަތެއް ނެތެވެ. މެޝިނަށް އެއްޗެހި އެޅުމުގެ ކުރިން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުއްޓަސް ވެސް އެވެ؛ ގަދަ ކުލަތައް ވަކިކުރުމެވެ. ކަޅު އެއްޗެއްސާއި ހުދު އެއްޗެހި އެއްނުކުރުމެވެ. ކަމުދާ ކަހަލަ ދޮންނަ ކުނޑިއެއް ބޭނުންކުރުމެވެ. ދޮވުމުގެ މަރުހަލާ މި ކަހަލަ ތަރުތީބަކަށް ފެތިފައި ހުރި ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ބޮޑު ބުރަ އުފުލަނީ ދޮންނަ މެޝިން ކަމެވެ.

ދޮންނަ މެޝިނަކީ ދިރޭ އެއްޗެއް ނޫނެވެ. އެ އަށް އިހުސާސްނުވިއެއް ކަމަކު އަމިއްލަ ފައިދާ އަށް ޓަކައި އެ އަށް އޯގާތެރިވުން ރަނގަޅެވެ. މެޝިން ކިތަންމެ ބޮޑު ނަމަވެސް، ނެތް ތަނަށް އެއްޗެހި އެޅުން ގޯހެވެ. ހަލާކުވާލެއް އަވަސްވާނެ އެވެ.

މެޝިނަށް ނުގުޑާ ވަރަށް އެއްޗެހި އެޅުމުގައި އޮތް ނުރައްކަލަކީ ރަނގަޅަށް ނުދޮވެވުމެވެ. ދޮންނަ ކުނޑީގެ އަސަރު ރަނގަޅަށް ފެތުރޭ ވަރަށް ފެނާ އެކު ނުވުމެވެ. އެއްޗެހީގައި ހުންނަ ކިލާ އެއް ތަނަކަށް ޖަމާވެ ކޮންމެ ވެެސް އެހެން އެއްޗެއްގައި ތަތްވުމެވެ.

ދޮވެ އަވަހަށް އަވަދިވުމަށްޓަކައި ހިތު ހުރި މިންވަރަކަށް ދޮންނަ ކުޑި އެޅުން ވެސް ގޯހެވެ. ގޯހެއް ގޮތުގައި ފެންނަން ފަށާނީ އަންނައުނު އަވަހަށް ހަލާކުވާން ފެށުމުންނެވެ. މަދުން އެޅުން ވެސް ރަނގަޅެއް ނޫނެވެ. ބުއްދިވެރި ގޮތަކީ ދޮންނަ ކުނޑި ބޭނުންކުރަން ދީފައި ހުންނަ އިރުޝާދަށް ތަބާވުމެވެ. އެ ކަމަށް ޒަމާން ތަން ދެ އެވެ.

ޒަމާނީ މެޝިންތައް އެކި "ރާގު"ތަކަށް ދޮވެ އެވެ. ހެޔޮވަރަށެވެ. ތަންކޮޅެއް ބާރަށެވެ. ފެން ހޫނުކޮށެވެ. ދުވެލި ވަރަށް ބާރަށެވެ. ސަމާލުވާން ޖެހެނީ އެކި އެއްޗެހި އެކި މިނުގައި ދޮވުމަށެވެ. ވަގުތު އިޚުތިޔާރުކުރަން ޖެހެނީ ވެސް ދޮންނަ އެއްޗެއްގެ ނިސްބަތުންނެވެ. ބުރުގާ އަށް ވުރެ ޖިންސް/ފަޓުލޫނު ފޮތި ވަރުގަދަ އެވެ.

އެއްޗެހި ދޮވުމުގައި އެކި ކަހަލަ އެއްޗެހި ދޮވުމަށް ކޮންމެ ގެއެއްގައި ވަކި މެޝިނެއް ނުހުރެ އެވެ. ބޯ އެއްޗެހި ވަކި މެޝިނަކުންނެވެ. ތުނި ނަމަ އެހެން މެޝިނަކުންނެވެ. އެހެން ނަމަވެސް އެ ތަކެތި ދޮވުމުގައި ތަންކޮޅެއް ބާރުގަދަ ދޮންނަ ކުނޑިއެއް އިޚްތިޔާރުކުރަން ޖެހިދާނެ އެވެ. ގިނަ މެޝިންތަކުގައި ދޮންނަ ކުނޑި އެޅުމަށް ހުންނަނީ އެންމެ ވަތްގަނޑެކެވެ. ދޮވެ ނިމުމުން ވަތްގަނޑު ސާފުކޮށް ފެން ހިކެންދެން ބޭރަށް ދަމާލާފައި ބެހެއްޓުން ރަނގަޅެވެ. ދޮންނަ މެޝިން މަރާމާތުކުރާ މީހުން ވެސް އެ ގޮތަށް ލަފާ ދެ އެވެ. ނުހިކި ގިނައިރުވުމުން ނުބައި ވަސް ދުވަ އެވެ.

ދޮވެ ނިމުމަށް ފަހު ވެސް ފެން ބަންދުކުރަން ހަނދާން ނުހުންނަ ނަމަ ދޮންނަ މެޝިނަށް ފެން އަޅާ ހޮޅި އަށް ސަމާލުވާން ޖެހެ އެވެ. ދެރަ ހޮޅިއެއް ނަމަ ފަޅައިގެން ވެސް ހިނގައިދާނެ އެވެ. ފެން ލީކުވުމަކީ ވެސް އޮއް ފުރުސަތެކެވެ. މެޝިނުން ކަރަންޓް ވެސް ކަނޑާލާށެވެ. ސަމާލުނުވެވޭ ވަރަށް އިތުބާރު ބޮޑުވާކަށް ނުވާނެ އެވެ.