މިއަހަރުގެ ފަސް ލައްކަ ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނި ގޮތުގައި ރާއްޖެ ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރުމަށް ހިންގާ ހަރަކާތުގެ ދަށުން މިއަހަރު ރާއްޖެ އަންނަ 500،000 ވަނަ ޓޫރިސްޓު ފާހަގަކުރަން ނިންމާފައިވެ އެވެ.

މި އަހަރު ރާއްޖެ އަށް ފަސް ލައްކަ ވަނަ ޓޫރިސްޓުގެ ގޮތުގައި އައީ ނިކޮލަސް ލެމްޕެރިން ކިޔާ ފްރާންސްގެ މީހެކެވެ. އަދި އޭނާ އެކު ރާއްޖެ އައި އޭނާގެ އަންހެނުން ސެލީން އަދި ދަރިފުޅު ޕޯލް އަށް ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

އެ ކުންފުނިން ބުނީ އެމިރޭޓްސް އެއާލައިނުން މިއަދު އައި ރާއްޖޭގެ މިއަހަރު ފަސް ލައްކަ ވަނަ ޓޫރިސްޓަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވަނީ ބަނިޔަންޓްރީ ވައްބިންފަރުގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ހަނދާނީ ފިލައެއް ވެސް ހަވާލުކޮށްފަ އެވެ. އެތަކެތި ހަވާލުކުރުން އޮތީ އެއާޕޯޓުގެ ވީއައިޕީ ލައުންޖްގަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ހަތަރު ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުން މިއަހަރުގެ މިހާތަނަށް 21،178 ޓުރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ.