މިދިޔަ ޖުލައި މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 5.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާއްްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 110،432 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 730،353 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ވެސް ޗައިނާއިންނެވެ. އެ ގައުމުން 36،456 ޓޫރިސްޓުން އައިއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓް ދަށް އަދަދެކެވެ. އޭގެ އިތުރުން 7،898 ޓޫރިސްޓުންނާއެކު ދެވަނަ އަށް އެންމެ ގިނައިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އަދި އެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދިހަ ޕަސެންޓް ކުރިއަރައިފަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 6،008 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2.5 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހަކީ މިއަހަރު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ޔޫރަޕްގެ ގައުމުތަކުން 37،859 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އެކަމަކު ޗައިނާ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެ އައިސްފައި ވަނީ 60،323 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.7 ޕަސެންޓް ދަށް އަދަދެކެވެ. ސައުދީ އަރަބިއްޔާ ހިމެނޭ މެދުއިރުމަތިން ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 7،242 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 51 ޕަސެންޓް އިތުރު އަދަދެެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.