ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރުމަށް ހިންގާ ހަރަކާތުގެ ދަށުން އިއްޔެއާ ހަމަޔަށް 750،000 ޓޫރިސްޓުން އައި ކަމަށް ބުނި ނަމަވެސް، އެ އަދަދު ހަމަވެދާނެ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް އައިސްފައި ވަނީ 619،921 ޓޫރިސްޓުންނެވެ. ޖުލައި މަހުގެ ތަފާސްހިސާބުތައް މިހާ ހިސާބަށް އައިއިރު އާއްމުކޮށްފައި ނެތުމުން ޖުލައި މަހު އައި ޓޫރިސްޓުންގެ އަދަދެއް ނޭނގެ އެވެ. އެކަމަކު އިއްޔެގެ ނިޔަލަށް 750،000 ޓޫރިސްޓުން ހަމަކުރާއިރު ޖޫން 30 އިން ފެށިގެން އިއްޔެގެ ނިޔަލަށް 130،079 ޓޫރިސްޓުން އަންނަން ޖެހެ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 79،034 ޓޫރިސްޓުންނެވެ. އުފެދޭ ސުވާލަކީ އެއް މަހާއި ހަތް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 60 ޕަސެންޓް ޓޫރިސްޓުން އިތުރުވީ ކިހިނެއްތޯ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސޯލިހު މިއަދު ވިދާޅުވީ ރާއްޖެ އައި 750،000 ވަނަ ޓޫރިސްޓް ހަމަކުރީ މޯލްޑިވްސް އިމިގްރޭޝަން އިން ތަފާސްހިސާބުތައް ހޯދައިގެން ކަމަށެވެ.

"އެ އަދަދު ހޯދީ އިމިގްރޭޝަނުން ކޮންމެ ދުވަހެއްގެ ހިސާބުތައް ވަކިވަކިން ބަލައިގެން. އެމްއެމްޕީއާރުސީން އެކަންތައް ކުރިޔަށް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ޖުލައި މަހު ޓޫރިސްޓުން އައި މިންވަރު ހާމަކުރުން ލަސްވަނީ އިމިގްރޭޝަނުން ލިބެން ޖެހޭ ތަފާސްހިސާބުތައް ނުލިބިގެން ކަމަށެވެ. އަދި އެ އަދަދުތައް ލިބުނުހާ އަވަހަކަށް އާއްމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހަރުގެ މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ދަށް ދުވަސްވަރެވެ. މި އަހަރުގެ އޮފް ސީޒަނާ ދިމާކޮށް ޔޫރަޕްގެ އެންމެ ބޮޑު ބައެއް ސެކްޓަރުގެ ފްލައިޓްތައް ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދަތުރުތައް މެދުކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ބްރިޓިޝް އެއާވޭސް އާއި ޖަރުމަނުގެ ލުފްތާންސާ އާއި ސުވިޒަލެންޑްގެ އީޑަލް ވައިސް އާއި އިޓަލީގެ މެރީޑިއާނާގެ ދަތުރުތައް ހިމެނެ އެވެ. އަދި އޮމާން އެއާގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

ބޮޑެތި ބައެއް އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލިއިރު، ބޮޑެތި ޕެސެންޖަރު ލައިނާތަކެއް އަދި އިތުރު އެއާލައިންތަކެއް ރާއްޖެ އަށް ދަތުރު ފަށައިފައެއް ނުވެ އެވެ. އެހެންކަމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެހާ ގިނަ ޓޫރިސްޓުން އަތުވެދާނެ ކަމާމެދު ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން ދަނީ ޝައްކު އުފައްދަމުންނެވެ.

"ޓޫރިސްޓް އެރައިވަލްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެއް އަހަރުގެ ތެރޭގައި އެހާ ބޮޑު ޖަމްޕެއް އެއް މަސްދުވަހުގެ ތެރޭގައި ފެންނާކަށް ނެތް. އަނެއްކާ އޮފް ސީޒަނެއްގައި އެހާ ގިނަ ޓޫރިސްޓުން އައީ ކޮންތާކުންތޯ ބަލަން އެބަޖެހޭ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އެއް މަސްދުވަހުގެ ތެރޭގައި އެހާ ގިނަ ބަޔަކު އަންނާނެ ކަމަށް،" ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޓޫރިޒަމް ހައި ސީޒަން ކަމަށްވާ މިދިޔަ ނޮވެމްބަރު މަހު 90،218 ޓޫރިސްޓުން އައިއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އައިސްފައި ވަނީ 119،255 ޓޫރިސްޓުންނެވެ. އަދި މިދިޔަ ޖެނުއަރީ މަހު އައިސްފައި ވަނީ 108،396 ޓޫރިސްޓުންނެވެ.

މިދިޔަ ހައި ސީޒަން އާއި މި އަހަރުގެ އޮފް ސީޒަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން 750،000 ޓޫރިސްޓުންގެ އަދަދު ހަމަކުރީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރާ ދިމާކޮށް ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.

މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވިދާޅުވެފައި ވަނީ ގޮންޖެހުންތަކެއް ހުރި ނަމަވެސް މިއަހަރު ކަނޑައަޅާފައިވާ ލަނޑު ހާސިލްވުމުގެ އުއްމީދު ބޮޑު ކަމަށެވެ.