ސަރުކާރުން އަބަދުވެސް ބަލަމުން އައީ ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި، އެ ރަށުގައި ފްލެޓު މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް އެއް ޓަވަރުގެ މަސައްކަތް އެ ގަސްތަކާއި ގޮފިތައް ނުކަނޑައި ނުކުރެވޭނެތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫއުގެ ތެރެއިން ބައެއް ގަސްތައް ކަނޑާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.

މިނިސްޓަރު މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތްއިރު، ދަތި ހާލުގައި އުޅެމުންދާ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މާލެ ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާ އެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ." މުއްތަލިބް ވިދާޅުވި އެވެ.

އެ ގޮންޖެހުންތަކާއެކު ވެސް، ސަރުކާރުން އަބަދުވެސް ބެލީ ވިލިމާލޭގައި ބޮޑެތި ފުނަގަސް ނުކަނޑައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގަސްތައް ކެނޑުމުގެ ބަދަލުގައި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަން ޖެހޭތީ އާއި ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިިންމައިފަ އެވެ،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

އެފަދަ މަޝްރޫއުއެއްގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރާއި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.