މިދިޔަ ހަފުތާ އިން ފެށިގެން ސްރީލަންކާ އަށް ކުރަމުން ގެންދިޔަ ވިއްސާރައިގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު މިހާތަނަށް 71 އަށް އަރާފައިވާ އިރު، ހާލުގައި ޖެހިފައިވާ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭރުގެ އެކި ގައުމުތަކުން އެހީ ލިބެން ފަށާފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ސްރީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން މަޑުމަޑުން ފެން ހިނދެމުން ދިޔަ ނަމަވެސް، އަވަށްޓެރި ބަންގްލަދޭޝް އަށް މިހާރު އަރާފައިވާ ތޫފާނުގެ އަސަރުކޮށް، އަލުން ވިއްސާރަ ކުރުމުގެ ފުރުސަތު ބޮޑެވެ.

ލަންކާގައި ފެންބޮޑުވެފައިވާ ހިސާބަކުން ފެންގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ލަންކާގައި ފެންބޮޑުވެފައިވާ ހިސާބަކުން ފެންގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ވިއްސާރައިގެ ސަބަބުން ގިނަ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް، 50 ފޫޓުގެ ޗަކައިގެ އަޑީގައި ގިނަ ބަޔަކު ވަޅުލެވިފައިވާ އިރު، 127 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއްގެ އިތުރުން ޖަޕާނުގެ މަތިންދާ ބޯޓެއް އެހީ ހިފައިގެން ހޮނިހިރު ދުވަހު ލަންކާ އަށް ދިޔަ އިރު، ލަންކާ ސަރުކާރުން އެންމެ އިސްކަމެއް ދީފައި ވަނީ ބަލި މަޑުކަމެއް ފެތުރުނަ ނުދިނުމެވެ.

"ފެނުން ފެތުރޭ ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަށް އަޅުގަނޑުމެން މިވަނީ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ފޮނުވާފައި،" ހެލްތު މިނިސްޓަރު ރަޖިތު ސެނަރަތުނަ

"ފެނުން ފެތުރޭ ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަށް އަޅުގަނޑުމެން މިވަނީ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ފޮނުވާފައި،" ހެލްތު މިނިސްޓަރު ރަޖިތު ސެނަރަތުނަ އޭއެފްޕީ އަށް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ޖަނަރޭޓަރާއި ބޭސް ފަދަ ސާމާނު ފޯރު ކޮށްދީފައިވާ އިރު، އޮސްޓްރޭލިއާ އާއި އެމެރިކާ އިން ވަނީ ފައިސާގެ އެހީ ދީފަ އެވެ.

ލަންކާގެ 25 ޑިސްޓްރިކްޓްގެ ތެރެއިން 22 ޑިސްޓްރިކްޓަކަށް ވިއްސާރައިގެ އަސަރުކޮށްފައިވާ އިރު، 300،000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ސަރުކާރުން ހިންގާ ވަގުތީ އެހީދޭ 500 އެއްހާ މަރުކަޒުތަކުގައި ކަމަށް އޮފިޝަލުން ހާމަކުރެ އެވެ.