ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ކްރެޑިޓަށް މުދާ ގަނެވޭ ސްކީމް ރަށްރަށަށް ފުޅާކޮށްފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކަނޑައަޅާފައިވާ ފިހާރަތަކަކުން ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރުގެ އިތުރު ކްރެޑިޓް ލިމިޓެއް ލިބޭ "ބީއެމްއެލް އީޒީ ޕޭ"ގެ ހިދުމަތް މި އަންނަ ރޯދަ މަހު ރަށްރަށުގެ 10 ފިހާރައަކުން ލިބޭނެ އެވެ. އޭގެ ތެރޭގައި އައްޑޫ، ފުވައްމުލައް، ލ. އަދި ހއ. އަތޮޅުގެ އެންމެންނަން ހިނގާ ފިހާރަތައް ހިމެނޭކަން އެ ބޭންކުން ބުނެ އެވެ.

އަލަށް ހިދުމަތް ދޭން ފެށި ފިހާރަތަކާ އެކު ޖުމްލަ 45 ފިހާރައަކުން، ރޯދަ މަހަށް ބޭނުންވާ މުހިއްމު ތަކެތި މިހާރުން ފެށިގެން ގަނެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ވަރަށް އަވަހަށް އިތުރު އަތޮޅުތަކެއްގައި ވެސް މި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"މިއީ ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ލިބޭ ގިނަ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތް. ރަމަޟާން މަހާ ދިމާކޮށް މި ހިދުމަތް އަތޮޅުތެރެ އަށް ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ވެރިޔާ މުހައްމަދު ޝަރީފް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި އީޒީ ޕޭގެ ހިދުމަތް ބޭނުން ކުރެވެނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ބޭނުން ކުރާ ފަރާތްތަކަށް، ކަނޑައަޅާފައިވާ ފިހާރަތަކަކުންނެވެ. މި ސްކީމްގެ ދަށުން ގަންނަ އެއްޗިއްސަށް ފައިސާ ދައްކަން ތިން މަހާއި ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަހަރަކަށް އަރާނީ ފަސް ޕަސެންޓުގެ އިންޓަރެސްޓެކެވެ.