މިއުނިކް (މޭ 17) - މެންޗެސްޓާ ސިޓީގެ ކޯޗުކަމާ އަންނަ ސީޒަނުގައި ހަވާލުވުމަށް ފަހު ޖޯސެޕް ޕާޑިއޯލާ ވަނީ އެ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ތިރީގައި އެވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގާޑިއޯލާ އެންމެ ބޭނުންވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ފަސް ކުޅުންތެރިންނެވެ.

1. އިލްކާއި ގުންޑޮގަން

ބޮރޫސިއާ ޑޯޓްމަންޑްގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގަން.-- ފޮޓޯ: އޭއެފްޕީ
ބޮރޫސިއާ ޑޯޓްމަންޑްގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގަން.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓަ ސިޓީގެ މެދުތެރެ ރަނގަޅު ކުރުމަށް ދެ ކުޅުންތެރިއަކު ގެންނާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގަން އެވެ.

އުމުރުން 25 އަހަރުގެ ގުންޑޮގަން ވަނީ ޑޯޓްމަންޑާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް މިދިއަ ޖެނުއަރީ މަހު އާ ކޮށްފަ އެވެ. ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ލިބިއްޖެ ނަމަ ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވޭއިރު، ސިޓީން އޭނާ އަށް 30 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

2. މެހެދީ ބެނަޝިއާ

ބަޔާން މިއުނިކްގެ މޮރޮކޯ ޑިފެންޑަރު މެހެދީ ބެނަޝިއާ -- ފޮޓޯ: އޭއެފްޕީ
ބަޔާން މިއުނިކްގެ މޮރޮކޯ ޑިފެންޑަރު މެހެދީ ބެނަޝިއާ -- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާ ގޮތުން ސިޓީން ވަނީ އެ ޓީމުގެ ފަހަތަށް ކުޅޭ މާޓިން ޑެމިކޭލިޝް އާއި އެލަކުއިމް މަންގާލާ ދޫކޮށްލުމަށް ފަހު އިތުރު ދެ ޑިފެންޑަރަކު ގެންނަން ނިންމައިފަ އެވެ.

ގާޑިއޯލާގެ ދަށުން ސިޓީގެ ޑިފެންސް ވަރުގަދަކުރަން ގެންނާނެ ކަމަށް ބެލެވޭ ކުޅުންތެރިޔަކީ ބަޔާން މިއުނިކަށް ކުޅޭ ބެނަޝިއާ އެވެ. އެއީ 2014 ވަނަ އަހަރު ގާޑިއޯލާގެ ބެލުމުގެ ދަށުން ބަޔާނަށް ގަތް ކުޅުންތެރިޔެކެވެ. އަންނަ ސީޒަނަށް ޑޯޓްމަންޑްގެ މެޓް ހަމެލްސް ބަޔާނުން މިހާރު ގަނެފައި ވާތީ ބެނަޝިއާ ދޫކޮށްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

3. ޕޯލް ޕޮގްބާ

ޔުވެންޓަސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ: އޭނާ އަށް ގިނަ ކްލަބްތަކުން ޝައުގުވެރިވޭ.-- ފޮޓޯ: އޭއެފްޕީ
ޔުވެންޓަސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ: އޭނާ އަށް ގިނަ ކްލަބްތަކުން ޝައުގުވެރިވޭ.-- ފޮޓޯ: އޭއެފްޕީ

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކެއްގެ ޑިމާންޑް ބޮޑުވެފައިވާ އެއް ކުޅުންތެރިއަކީ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ އެވެ. އޭނާ ވަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގާޑިއޯލާ ވަނީ ކޮންމެ އަގެއްގައި ނަމަވެސް ޕޮގްބާ ހޯދައިދޭން ސިޓީގެ ވެރިންގެ ކިބައިން އެދިފަ އެވެ. ޔުވެންޓަސް އިން އެއްވެސް އަގެއްގައި ޕޮގްބާ ނުވިއްކާނެ ކަމަށް ބުނަމުން އައި ނަމަވެސް ދާދި ފަހުން އެ ޓީމުން ވަނީ ޕޮގްބާގެ އަގު މިހާރު 100 މިލިއަން ޕައުންޑަށް ވުރެ ބޮޑުވާނެ ކަމަށް އަންގާފަ އެވެ.

4. ތިއާގޯ އަލްކަންޓާރާ

ބަޔާން މިއުނިކަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ.--
ބަޔާން މިއުނިކަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ.--

ތިއާގޯ އަލްކަންޓާރާ އަކީ ގާޑިއޯލާ ބަޔާން މިއުނިކާ ހަވާލުވުމަށް ފަހު އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އިން ބަޔާނަށް ބަދަލުވި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ތިއާގޯ އަށް އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް އޭނާ އަކީ ގާޑިއޯލާގެ ސްޓައިލާ ވަރަށް ގުޅޭ ކުޅުންތެރިޔެކެވެ. އޭނާ ފިޓްކޮށް ހުރެއްޖެ ނަމަ ގާޑިއޯލާ ކޮންމެ މެޗަކަށް ނެރޭ ފުރަތަމަ 11 ގައި އޭނާ ހިމަނަ އެވެ.

ބަޔާނުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބެންފީކާގެ ޒުވާން މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް އެ ޓީމަށް ގެނެސްފަ އެވެ. ސަންޗޭޒަކީ ތިއާގޯއާ އެއް މަގާމަކަށް ކުޅޭ ކުޅުންތެރިއަކަށް ވުމުން އަންނަ ސީޒަނުގައި ތިއާގޯ އަށް ކުޅެން ލިބޭ ފުރުސަތު ކުޑަވެދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތިއާގޯ އަށް ސިޓީން 16 މިލިއަން ޕައުންޑް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

5. ޖޭމްސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް
ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒަށް ގިނައިން ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މި ސީޒަނަށް ފަހު މުސްތަގުބަލާ ގުޅޭ ގޮތުން ކްލަބާ މަޝްވަރާ ކުރާނެ ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ ސީޒަނުގައި ރެއާލްގެ ކޯޗަކަށް ޒިދާން ހުރެއްޖެ ނަމަ ރޮޑްރިގޭޒް އެ ކްލަބް ދޫކޮށްލާނެ އެވެ.

އޭނާ ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ވެސް ހިމެނެ އެވެ.