ދުނިޔެ ހޫނުވާ މިންވަރު މަހުން މަހަށް މައްޗަށް ގޮސް، މިދިޔަ އެޕްރީލް މަހު ރެކޯޑް މިންވަރަކަށް ހޫނު ގަދަވި ކަމަށް ނާސާ އިން ބުނެފި އެވެ.

އެޕްރީލް މަހުގެ ހޫނުމިން މަތިވި ނަމަވެސް 1951-1980 އާ ދެމެދުގެ އެވްރެޖް ހޫނުމިނަށް ބަލާއިރު އެ މަސް ހިމެނެނީ، ނާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހާ އެއްވަރެއްގަ އެވެ. މި އަހަރުގެ ފެބްރުއަރީ އަދި މާޗް މަހަކީ ވެސް އެވްރެޖަށް ވުރެ ހޫނުގަދަ ދެ މަހެވެ.

ތަޖްރިބާކާރުން ބުނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ ދުނިޔެ ތަޖްރިބާކުރަމުންދާ އެލް-ނީނޯގެ ސަބަބުން ކަމަށެވެ.

ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިދިޔަ އެޕްރީލް މަހު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފައި.
ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިދިޔަ އެޕްރީލް މަހު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފައި.
"ދުނިޔޭގެ މޫސުމަށް ބޮޑު ބަދަލުތަކެއް އައިސްފައި މި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔެ ތަޖްރިބާކުރަމުންދާ އެލް-ނީނޯގެ ސަބަބުން'" ޔޫއެން ފްރޭމްވޯކް ކޮންވެންޝަަން އޮން ކްލައިމެޓް ޗޭންޖް

މިހާތަނަށް އެންމެ ހޫނުގަދަ އަހަރެއްގެ ގޮތުގައި ބަލާފައި ވަނީ 2015 ވަނަ އަހަރެވެ. ނަމަވެސް ދުނިޔޭގެ ފިނިހޫނުމިން ދިރާސާކުރާ ނާސާގެ ތަޖްރިބާކާރުން ބުނަނީ، މިހާތަނަށް ރެކޯޑްތައް ދައްކާ ގޮތުން މި އަހަރު ވެގެން ދާނީ ދުނިޔޭގެ އެންމެ ހޫނުގަދަ އަހަރަށް ކަމަށެވެ. އެމެރިކާގެ އެލެސްކާ ފަދަ ދުނިޔޭގެ އުތުރުގެ ހިސާބުތަކަށް މިދިޔަ އެޕްރީލް މަހު ވަނީ އާދަޔާ ޚިލާފަށް ހޫނު ގަދަވެފަ އެވެ. ދުނިޔޭގެ ހޫނުމިން މިހާރު މަތިވަމުންދާ ނިސްބަތަށް ބަލާއިރު، ޕެރިހުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ތިމާވެށީގެ ސަމިޓުގައި ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.