ބްރިޖް އެޅުމަށް ބޭނުންވާ މެޝިނަރީ އިމްޕޯޓްކުރުމަށް ހޭދަކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއެކު، މިދިޔަ މަހުގެ ޖުމްލަ އިމްޕޯޓްގެ މިންވަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެތެރެކުރި މުދަލުގެ 20 ޕަސެންޓަކީ މެޝިނަރީ އެވެ. އަދި މީގެ ކުރިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ މިންވަރު ހުރީ 17 ޕަސެންޓްގަ އެވެ. މިދިޔަ މަހު އެތެރެކުރި މުދަލުގެ 11 ޕަސެންޓަކީ ތެލުގެ ބާވަތްތަކެވެ. އެއާއެކު މިދިޔަ މަހު އިމްޕޯޓްކުރި މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވެފަ އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި ރާއްޖެ އެތެރެކުރި މުދާ އިތުރުވެފައި ވަނީ ބްރިޖް އެޅުމަށް މިދިޔަ މަހު އެތެރެކުރި މެޝިނަރީ އާއި ހެލިކޮޕްޓަރަކާއެކު ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 209.7 މިލިއަން ރުފިޔާ އެވެ. އެއީ 11 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން އެކަނި ވެސް 552.6 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 466.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އޭގެ އިތުރުން ސިންގަޕޫރުން 385.5 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ޔޫއޭއީ އިން 329.7 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވަނީ 388.6 މިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓްގެ ކުރިއެރުމެކެވެ.