ވެނެޒުއޭލާއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ، ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 1،430 އަށް އަރައިފި އެވެ.
މިއީ ފާއިތުވި 123 އަހަރުތެރޭ އެ ގައުމަށް ކުރިމަތިވި އެންމެ ހިތާމަވެރި ގުދުރަތީ ކާރިސާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު ވަނީ 1،430 އަށް އަދި ޒަހަމްވި އަދަދު މަދުވެގެން 3،238 އަށް އިތުރުވެފަ އެވެ.
ގެއްލިފައިވާ މީހުންގެ އަދަދު 68،900 އަށް ވުރެ މައްޗެވެ. އޮފިޝަލުން ބުނާ ގޮތުގައި، ހާލުގައި ޖެހުނު 3،142 އާއިލާއެއް ވަގުތީ ހިޔާތަކަށް ވަނީ ގެންގޮސްފަ އެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ލާ ގުއާރާގެ އިތުރުން ވެރިރަށް ކަރާކަސްގެ ބައެއް ސަރަހައްދުތަކަށެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ދެން ސަލާމަތްވާނީ އެންމެ ލަސްވެގެން ވެސް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ސަލާމަތްކުރެވިގެން ކަމަށް، އެހީގެ މަސައްކަތުގައި އުޅޭ މީހުން ވަނީ ބުނެފަ އެވެ.
ބިންހެލުމާ ގުޅިގެން އެކި ގައުމުތަކުން އަންނަނީ ވެނެޒުއޭލާއަށް އެހީތެރިވަމުންނެވެ. ބޭރު ގައުމުތަކުގެ 1،600 އަށް ވުރެ ގިނަ ރެސްކިއު މަސައްކަތްތެރިން ވެނެޒުއޭލާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެމެރިކާ ސަރުކާރުން ވެސް ވަނީ އެހީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ކަނޑައަޅައިފަ އެވެ.
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަކީ ކެރީބިއަން އަދި ސައުތު އެމެރިކަން ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ބޯޑަރަށް ވީނަމަވެސް، 1997 ވަނަ އަހަރުގެ ފަހުން އެގައުމަށް މިފަދަ ބޮޑު ބިންހެލުމެއް އައިސްފައެއް ނުވެ އެވެ. އެ ގައުމަށް 1997 ގެ ބިންހެލުމުގައި މަރުވީ 73 މީހުންނެވެ. އަދި 1967 ގައި އައި ބިންހެލުމެއްގައި 236 މީހުން މަރުވި އެވެ.
ބުދަ ދުވަހު އައި 7.5 ގެ މި ބިންހެލުމަކީ، 1900 ވަނަ އަހަރުގެ އޮކްޓޯބަރު 29 ގައި އައި 7.7 ގެ ބިންހެލުމަށް ފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.