މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ފައިނަލްގައި ސެއިންޓް ރެޖިސް ވޮއްމުލި ރިިސޯޓް ބަލިކޮށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދިއްތަ ދުވަހު ކުރުނބާ ރިސޯޓުގައި ކުޅުނު ފައިނަލް މެޗު 1-1 އިން އެއްވަރު ވުމުން ވެލާ މޮޅުވީ ޕެނަލްޓީ ޝޫޓައުޓްގައި 6-5 އިން ކުރި ހޯދައިގެންނެވެ.

ފޯރި ގަދަ ފައިނަލް މެޗުގައި ފުރަތަމަ ގޯލު ޖެހީ ސެއިންޓް ރެޖިސް އިންނެވެ. ފުރަތަމަ ހާފުގައި އެޓީމުން ލީޑު ނެގި ގޯލު ޖަހައިދިނީ އިބްރާހިމް ނަސާތެވެ. ދެވަނަ ހާފުގައި ވެލާ އަށް އެއަވަރު ކޮށްދިނީ އިބްރާހިމް ނަޖާހެވެ. ޕެނަލްޓީ ޝޫޓައުޓްގައި ނ. އަތޮޅުގެ ޗެމްޕިއަން ވެލާގެ ކީޕަރު އަހުމަދު ޝާފިއު ވަނީ ސެއިންޓް ރެޖިސް އިން ހަވަނައަށް ޖެހި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.

ވެލާގެ ކީޕަރު ޝާފިއު، އޭނާ ވަނީ މުބާރާތުގެ މޮޅު ކީޕަރުގެ އެވޯޑް ހޯދާފައި.-- ފޮޓޯ: ޓެކާސް
ވެލާގެ ކީޕަރު ޝާފިއު، އޭނާ ވަނީ މުބާރާތުގެ މޮޅު ކީޕަރުގެ އެވޯޑް ހޯދާފައި.-- ފޮޓޯ: ޓެކާސް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވެސް ހޮވުނީ ވެލާގެ ގޯލްކީޕަރު ޝާފިއު އެވެ. އެންމެ މޮޅު މެނޭޖަރަކަށް ވެލާގެ ޝަމްވީލް ގާސިމް (ބޮންޑާ) ހޮވުނުއިރު، އެންމެ އުންމީދީ ޒުވާން ކުޅުންތެރިއަކީ ޖުމެއިރާ މޯލްޑިވްސްގެ ހުސެއިން ސައިފް މޫސާ އެވެ.

މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ވެސް ހޯދީ ޖުމެއިރާގެ ސައިފް އެވެ. ސައިފް ވަނީ މުބާރާތުގައި ނުވަ ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ އެސިސްޓް ހަދައިގެން އެންމެ މޮޅު ޕްލޭމޭކާގެ އެވޯޑް ހޯދީ ވެލާގެ އަލީ ރާޒީ އެވެ. ރާޒީ ވަނީ މުބާރާތުގައި އެޓީމުން ޖެހި ފަސް ގޯލު އެސިސްޓް ކޮށްދީފަ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވެލާގެ އަހުމަދު އިމްތިނާހު، އަލީ ރާޒީ، އަހުމަދު ޝާފިއު އަދި ސެއިންޓް ރެޖިސްގެ އިބްރާހިމް ނަސާތާއި މުހައްމަދު އަލީ އެވެ.

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ރިސޯޓްގެ ކެޕްޓަން އަހުމަދު އިމްރާނެވެ.

މުބާރާތުގެ ރަނަރަޕް ސެއިންޓް ރެޖިސް ޓީމު.-- ފޮޓޯ: ޓެކާސް
މުބާރާތުގެ ރަނަރަޕް ސެއިންޓް ރެޖިސް ޓީމު.-- ފޮޓޯ: ޓެކާސް

މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ފެށި މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ކުރިއަށް ގެންދިޔައީ ހަތް ޒޯނަކަށް ބަހާލައިގެންނެވެ. މެއި މަހު ދ. އަތޮޅުގެ ކުޅުން ކުރިއަށް ގެންދިޔައިރު ޖޫން މަހު ވަނީ ރ. އަތޮޅާއި ބ.އަތޮޅުގެ ކުޅުން ނިންމާލައިފަ އެވެ. އަދި ޖުލައި މަހު ޅ. އަތޮޅާއި ނ. އަތޮޅު ޒޯން ގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ.

މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ވާދަކުރާ ސައުތު ކާފު ޒޯނާއި، އުތުރުގެ ރިސޯޓްތައް ވާދަކުރާ ނޯތު ކާފު ޒޯން ކުރިއަށް ގެންދިޔައީ މިދިޔަ މަހު އެވެ.

ނޯތު ކާފްގެ ޗެމްޕިއަން ޖުމެއިރާ އާއި ސައުތު ކާފްގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސްގެ އިތުރުން ދ. އަތޮޅު ޒޯންގެ ޗެމްޕިއަން ސެއިންޓް ރެޖިސް އަށް ވަނީ ގްރޭންޑް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ލިބިފަ އެވެ.

ވެލާ އައިލެންޑު ފައިނަލަށް ދަތުރުކުރީ ގްރޭންޑް ސެމީގައި ކްރޮސްރޯޑްސް ބަލިކޮށްފަ އެވެ. އަދި ވެލާ ވަނީ ގްރޭންޑް ސެމީގައި ޖުމެއިރާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ގްރޭންޑް ސެމީ އިން ވެލާ ޖާގަ ހޯދީ، ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި މޯލްޑިވްސް ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.