ބ. އަތޮޅާއި އދ. އަތޮޅުގެ ރަށްތަކެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އިއްޔެ އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ވަރުވާ އަށް ދޫކުރަން ނިންމާފައި ވަނީ އދ. ހިޔަފުޓާއި ކުޑަދޫ އަދި އާފިނޮޅާއި ބ. ވެޔޮފުށި އަދި ހިރުންދޫ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ރަށްތައް ވަރުވާ އަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ނިޔަލަށް ބިޑުފޯމު ގަނެވޭނެ އެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށް މިނިސްޓްރީން ފޯމު ބަލައިގަންނާނެ ކަމަށް ވެސް ބުންޏެވެ. ފޯމެއްގެ އަގަކީ 20ރ. އެވެ.
ވަރުވާ އަށް ރަށްތައް ދޫކުރަނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގެ ދަށުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން އެ މިނިސްޓްރީން ކަނޑައާޅާ ރަށްތަކެވެ.
ވަރުވާ އަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަ ވެގެން ވެސް 10 އަހަރަށެވެ.