ދެކުނު ކޮރެއާގެ މަޝްހޫރު ޑޫސާން ޑައިވޫ އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، ވީއޭއެމްކޯ އާއި އަލް ޝާލީ މެރިންއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވީއޭއެމްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުބައިރު އާދަމާއި އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަަރު އިސްމާއިލް ޝަރީފެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވީއޭއެމްކޯގެ އެމްޑީ ޒުބައިރު ވިދާޅުވީ، އަލް ޝާލީ މެރިންގެ އައިލެންޑް ހޮޕާ 50 ޑައިވް ދޯނި ޑޫސާން އިންޖީނާ އެކު "ބަންޑަލް ޕެކޭޖެއް" ގޮތަށް ވިއްކާނެ ކަމަށެވެ. އަދި އިންޖީނަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އާފްޓާ ސޭލް ފަދަ ސާވިސްތައް ވީއޭއެމްކޯ އިން ދޭނެ ކަމަށެވެ.

"ޑޫސާން ޑައިވޫ އިންޖީނަކީ ތެލުގެ ހަރަދު ކުޑަ އިންޖީނެއް. މައްސަލަ ޖެހުން ވެސް ވަރަށް ކުޑަ ވާނެ. މިހާރު ވެސް 400 އަށް ވުރެ ގިނަ އޮޑީގައި އެބަ ބޭނުންކުރޭ. ޝާލީ މެރިން އާ އެކު މަސައްކަތް ކުރަން ލިބުމަކީ ބޮޑު ކުރިއެރުމެއް،" ޒުބައިރު ވިދާޅުވި އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަަރު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އައިލެންޑް ހޮޕާ 50 ގައި ޑޫސާން އިންޖީނު އަޅައިގެން ވިއްކާއިރު، މާކެޓުގައި ހުރި މިފަދަ އެހެން ޕްރޮޑަކްޓްތަކާ އަޅާ ބަލާއިރު އަގު ވެސް ހެޔޮވާނެ ކަމަށެވެ.

"އައިލެންޑް ހޮޕާ އަކީ މިދިޔަ އަހަރުގެ ބޯޓިން އެވޯޑްގައި ބެސްޓް ޕްރޮޑަކްޝަން ވެސަލް އިނާމު ލިބުނު ދޯނި. ވީއޭއެމްކޯގެ ދޫސާން އިންޖީނަށް އެ ފަހަރު ފެސްޓް މެރިން އެންޖީން އެވޯޑް ލިބުނު. އެހެންވީމާ މި އެއްކޮށްލީމަ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް މި ލިބިގެން ދިޔައީ،" ޝަރީފް ވިދާޅުވި އެވެ.

ވީއޭއެމްކޯ އަކީ އިންޖީނުގެ އިތުރުން ވެސް އުޅަނދުފަހަރަށް ބޭނުންވާ ތަފާތު ގިނަ ސާމާނު، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި އަލް ޝާލީ މެރިން އަކީ އުޅަނދުފަހަރު ބަނުމާއި، އެ ދާއިރާގެ ތަފާތު ހިދުމަތްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުން އަންނަ ޔޫއޭއީގެ ކުންފުންޏެކެވެ. ރާއްޖޭގައި އެ ކުންފުނި ހިންގަނީ ކޯސްޓްލައިން ގުރޫޕާއި ގުޅިގެންނެވެ.