އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެއްކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. 

ފެބްރުއަރީ 29 ގައި ފެށި ހަމާލާތައް، މިހާރު ވަނީ ދެ ހަފުތާ އަށް މެދުކަނޑާލާފަ އެވެ.

އިރާނު އެކުވެރި ރަޝިޔާއިން ބުނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކަކީ އެއްވެސް އުސޫލެއް ނެތް، އަދި އެއްވެސް މަގުބޫލު ސަބަބެއް ނެތި ދިން އުދުވާނީ ހަމަލާތަކެއް ކަމަށެވެ. އެ ހަނގުރާމައިގައި އެ ދެ ގައުމަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއެއް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ވިދާޅުވި އެވެ.

"އެއްވެސް ހުއްޖަތެއް ނެތި ދިން ހަމަލާތަކެއް، އެއްކޮޅުން [އެމެރިކާ އާއި އިރާނުން] އިސްވެ ފެށި އުދުވާނީ ހަމަލާއެއް" ރަޝިޔާގެ ސްޕަޓްނިކް ރޭޑިއޯގައި ވާހަކަދައްކަވަމުން ޒަހަރޯވާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުން އެ ގައުމުތަކަށް ލިބުނީ ބޮޑު ބައްޔެއް ނުވަތަ ނާކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރުގަދަ ހަމަލާތައް ދިނުމާއި ކުރިއަށްވުރެ ބޮޑަށް ހަނގުރާމަ ވަރުގދަ ކުރާނެކަމަށް ސޯޝަލް މީޑިއާގައި ގިނައިން ލިޔުމާއި، އަދި 'ކާމިޔާބީ' އޮތީ ދާދި ގާތުގައި ކަމަށް ބުނެ ދެއްކި ހުރިހާ ވާހަކަތަކެއް، އަނެއްކާވެސް މިވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފަ. ހަމައެއާ އެކު އެއްވެސް މަގުބޫލު ސަބަބެއް ނެތި އިސްވެ ދިން އުދުވާނީ ހަމަލާތަކުގެ ސިޔާސަތަށް ވެސް މިވަނީ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފަ،" ރޭޑިއޯ އިންޓަވިއުގައި ޒަހަރޯވާ ވިދާޅުވި އެވެ.

ރަޝިޔާއިން ބުނީ މި މައްސަލައަށް އޮތީ ހަމައެކަނި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލެއް ކަމަށެވެ.  

"މި އުދުވާން ވަގުތުން އެކީއެކަްޗަކަށް ހުއްޓާލަން ޖެހޭ. މި ހާލަތަށް އަސްކަރީ އެއްވެސް ހައްލެއް ނެތް. ރަޝިޔާއިން ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން މިދަނީ މި ވާހަކަ،"ޒަހަރޯވާ ވިދާޅުވި އެވެ. 

އަސްކަރީ ބާރުގެ ބޭނުންކޮށްގެން ސަރަހައްދުގައި ނިޒާމެއް ގާއިމުކުރަން ކުރާ އެއްވެސް މަސައްކަތަކީ ކާމިޔާބުވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަަނުޖެހުންތައް ނިންމުމަށްޓަކައި ހަގީގީ ސިޔާސީ މަޝްވަރާތަކެއް ފެށުމަށް ރަޝިޔާއިން ވަނީ ގޮވާލާފަ އެވެ.

ޒަހަރޯވާ ވިދާޅުވީ ސިޔާސީ އަދި ޑިޕްލޮމެޓިކް ހަގީގީ ހައްލެއް ހޯދުމުގެ މަސައްކަތް ވަގުތުން ފަށަން ޖެހޭ ކަމަށެވެ. އަދި މިފަދަ ހައްލެއް ބިނާވެފައި އޮންނަން ވާނީ، ހުރިހާ ފަރާތްތަކެއްގެ މަސްލަހަތުތަކާއި ހުށަހެޅުންތަކަށް ރިއާޔަތް މަޝްވަރާގެ މަރުހަލާއެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.