ލަންޑަން (އޮގަސްޓް 25) - ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އޭނާއާ ބައްދަލުވި އިނގިރޭސި ގައުމީ ޓީމުގެ ވިންގް ރަހީމް ސްޓާލިން އައިސޮލޭޓްވާން ނިންމައިފި އެވެ.

އުމުރުން 34 އަހަރުގެ ބޯލްޓް ކޮވިޑަށް ޕޮޒިޓިވްވީ މިއަދު އެވެ. މި މަހު 21 ވަނަ ދުވަހު އޭނާ ވަނީ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޖެމެއިކާގައި ޕާޓީ ބާއްވައިފަ އެވެ. އެ ޕާޓީގައި ބައިވެރިވި ގިނަ މީހުން އުޅުނީ މާސްކް ނާޅަ އެވެ. އެހެންވެ އެ ޕާޓީ އަށް ދިޔަ އެންމެނަށް ވަނީ ސެލްފް އައިސޮލޭޝަނަކަށް ދިއުމަށް ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އަށް ކުޅޭ ސްޓާލިން ވެސް ހިމެނެ އެވެ.

އޮލިމްޕިކްސްގައި ދުވުމުން އަށް ފަހަރު ރަން މެޑަލް ހޯދާފައިވާ ބޯލްޓް ޕޮޒިޓިވްވެފައިވާކަން އިއުލާނުކުރީ ޖެމެއިކާގެ ހެލްތު މިނިސްޓްރީންނެވެ.

އަދިވެސް 100 މީޓަރާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް ބުނީ އޭނާގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ވަރުބަލިކަން އިހުސާސްވަމުން އަންނަ ކަމަށެވެ. މީގެ ތިން އަހަރު ކުރިން އެތުލެޓިކްސް އިން ރިޓަޔާކުރި ބޯލްޓް ބުނީ މި ވަގުތު އޭނާ އަށް އޮތީ ސިއްހީ މާހިރުން ދޭ ލަފާ އަޑުއެހުން ކަމަށާއި އެހެންވެ ހާލަތު ރަނގަޅުވަންދެން ގޭގައި މަޑުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ބޯލްޓް ބޭއްވި ޕާޓީގައި ބައިވެރިވި މީހުން މާސްނާޅައި އުޅުމުންނާއި ސޯޝަލް ޑިސްޓެންސިން އަށް ނުވިސްނައި މި ފަދަ ހަރަކާތްތައް ބާއްވަން ސަރުކާރުން ފުރުސަތު ދޭތީ ޖެމެއިކާގެ މީޑިއާ ތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޓާލިން އަށް އިނގިރޭސި އެފްއޭ އިން މިހާރު އަންގާފައިވަނީ ސެލްފް އައިސޮލޭޝަނަކަށް ދިއުމަށެވެ. އަދި ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އަންނަ ހަފްތާ ތެރޭގައި އިންގްލެންޑުން ފަރިތަކުރުންތައް ފަށާއިރު ސްޓާލިން އަށް ޓީމުން ފުރުސަތު ދޭނީ ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ނެގެޓިވްވެއްޖެނަމަ އެވެ.

ނޭޝަންސް ލީގުގެ ދެ ވަނަ މުބާރާތުގައި އަންނަ މަހު އިންގްލެންޑް ކުޅޭ ދެ މެޗު ވެސް އޮތީ ރަށުން ބޭރުގަ އެވެ. ފަސް ވަނަ ދުވަހު އައިސްލެންޑާ ކުޅުމަށް ފަހު އަށް ވަނަ ދުވަހު ބައްދަލުކުރާނީ ޑެންމާކާ އެވެ.