ކިންގްސްޓަން (ޖެނުއަރީ 23) – ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވުމުން، ކުޅިވަރު ކެރިއަރު ނިންމާލައިފިން ކަމަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ބުނެފި އެވެ.
އޮލިމްޕިކްސްގައި ދުވުމުން އަށް ފަހަރު ރަން މެޑަލް ހޯދާފައިވާ ބޯލްޓް 2017 ވަނަ އަހަރު އެތުލެޓިކްސް އިން ރިޓަޔާކުރުމަށް ފަހު ބޭނުންވީ ފުޓްބޯޅަ ކުޅޭށެވެ. އެގޮތުން އޮސްޓްރޭލިއާގެ މެރިނާސްއާ އެކު ޓްރަޔަލް ދެ މެޗު ކުޅެ ދެ ގޯލް ވެސް ޖެހި އެވެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިއަކަށް އޭނާ އަށް ވެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
އޭނާ އަށް އެ ކްލަބާ އެކު ކުރިއަށް ނުދެވުނީ ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ހެދުމަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. މައްސަލައަކަށްވީ މުސާރަ އެވެ. އޭނާ އަށް މޯލްޓާގެ ކްލަބަކުން ވެސް އޮފާކުރި އެވެ. އެކަމަކު ބޯލްޓް ބޭނުންވާ ވަރުގެ މުސާރައެއް އެ ކްލަބަށް ވެސް ދެވެން ނެތީ އެވެ. އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެކު ތަމްރީންތައް ވެސް ހަދައިފަ އެވެ.
އަދިވެސް 100 މީޓަރާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް ބުނީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން މަސައްކަތް ކުރެވުނީތީ ދެރަނުވާ ކަމަށެވެ.
"އެކަން ކުރިއަށް ދިޔައިރު އެކަމުން އަހަންނަށް ހިތްހަމަޖެހުން ލިބުނު. އެއީ ރަނގަޅު ތަޖުރިބާއެއް،" ބޯލްޓް ބުންޏެވެ. "ޓީމެއްގައި މަސައްކަތްކުރެވުނީތީ ވެސް އަހަރެން ހިތްހަމަޖެހުނު. ޓްރެކްޑް އެންޑް ފީލްޑާ ވަރަށް ތަފާތު ގޭމެއް އެއީ."
އޭނާ ބުނީ މިހިސާބުން ކުޅިވަރު ހަޔާތް ނިމުނީ ކަމަށާއި ދެން ސަމާލުކަން ދޭނީ ވިޔަފާރިއަށް ކަމަށެވެ. އެގޮތުން ވިޔަފާރިއާ ގުޅޭ ވަރަށް ގިނަ ހިޔާލުތައް އެބަހުރި ކަމަށާއި މި ފަހަރު ބަލާނީ އޭނާ އަށް ވިޔަފާރިވެރިއަކަށް ވެވިދާނެތޯ ކަމަށް ބުންޏެވެ.