ސިޑްނީ، އޮސްޓްރޭލިއާ (އޮކްޓޫބަރު 16) - އޮސްޓްރޭލިއާ ލީގުގެ ސެންޓްރަލް ކޯސްޓް މެރިނާސްގެ ޓީމުގައި ހިމެނުމަށް ޓްރަޔަލްގައި ބައިވެރިވަމުން އަންނަ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓަށް ޔޫރަޕްގެ ކްލަބަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އޭނާގެ އޭޖެންޓް ޓޯނީ ރެލީސް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ބޯލްޓް މަސައްކަތްކުރަނީ އޭ ލީގުގައި މި ފަަހަރު ވާދަކުރާ މެރިނާސް ޓީމުގައި ހިމެނުމަށެވެ. އެތުލެޓިކްސް އިން މިދިޔަ އަހަރު ރިޓަޔާކުރުމަށް ފަހު ބޯލްޓް އަމާޒުހިފާފައިވަނީ ކުޑައިރުއްސުރެން އޭނާ ދެކެމުން އަންނަ ހުވަފެން ކަމަށްވާ ފުޓްބޯޅައިގައި ވެސް ހުނަރު ސާބިތުކޮށްދޭށެވެ.

މެރިނާސް ޓީމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗެއްގައި މިހާތަނަށް ބޯލްޓް ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ދެއްކި މޮޅު ކުޅުމެއްގެ ސަބަބުން އޭނާ އަށް ވަނީ އެންމެ ފަހުން މެރިނާސް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އެ މެޗުގައި ބޯލްޓް ދެ ގޯލު ޖެހިއިރު، އެ މެޗަށް ފަހު މެރިނާސްގެ ކޯޗު މައިކް މުލްވޭ ވަނީ ބޯލްޓަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

ކުރިން ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑުގެ ޓްރަޔަލްގައި ބައިވެރިވި ބޯލްޓަށް ހުށަހެޅުން ލިބިފައިވަނީ މަލްޓާގެ ވަލެއްޓާ އެފްސީންނެވެ.

"މަލްޓާގެ ކްލަބެއްގެ ހުށަހެޅުން ވެސް އެބައޮތް. އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ކުޅުމަށް އަމާޒުހިފާފައި އޮތް ކްލަބެއް. މީގެ ގޮތެއް ނިންމާނީ ބޯލްޓް،" އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ރެލީސް ބުންޏެވެ.

މަލްޓާގެ ވަލެއްޓާ އިން ބޯލްޓަށް ހުށަހަޅާފައިވަނީ މިހާރު ކުރިއަށްދާ ސީޒަނުގެ ކަޕްގައި ފައިނަލުގައި ވެސް ކުޅެވޭ ގޮތަށެވެ. މަލްޓާގެ ބޯޑު މެމްބަރު ގެސްޓަން ސްލިން ވިދާޅުވީ ބޯލްޓް އެ ޓީމަށް ގެންނަނީ މާލީ ފައިދާތަކެއް ހޯދުމުގެ ގޮތުން ނޫން ކަމަށާއި މިއީ ތާރީހީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ.

"މިއީ ފައިސާ އަށް ކުރާ ކަމެއް ނޫން. މިއީ އަހަރެމެން ތާރީހަށް ޓަކައި ކުރާ ކަމެއް. ބޯލްޓް 2008 ވަނަ އަހަރު ރެކޯޑް ހެދީ ބެއިޖިން އޮލިމްޕިކްސްގައި. އޭގެ 10 އަހަރު ފަހުން މަލްޓާގެ ސުޕަ ކަޕް ފައިނަލުގައި ބޯލްޓް އަހަރެމެންގެ ޓީމު (ވަލެއްޓާ)އާ އެކު ތަށި އުފުލާލާ މަންޒަރު މުޅި ދުނިޔެ ބަލާނެ. މިއީ ކުރިއަށް އޮތް 50 ނޫނީ 100 އަހަރު ވަންދެން ވެސް ދައްކާނެ ވާހަކައެއް،" ގެސްޓަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުންވަނީ ބޯލްޓް ލައްވައި އެ ޓީމަށް ސޮއިކުރުވަން ކަމަށާއި މިއީ ޕްލޭނެއް ވެސް އޮވެގެން ކުރާ ކަމެއް ކަމަށެވެ. އެކަމަކު ބޯލްޓް މި ވަގުތު އެހެން ކްލަބެއްގެ ޓްރަޔަލްގައި ހުރުމުން ގޮތެއް ނިންމާނީ އޭނާ ކަމަށް ވެސް ގެސްޓަން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ބޯލްޓް ލައްވައި އޮސްޓްރޭލިއާގެ އޭ ލީގުގައި ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ އިދާރާ ފުޓްބޯލް ފެޑެރޭޝަން އޮފް އޮސްޓްރޭލިއާ (އެފްއެފްއޭ) އިން ވެސް ބޭނުންވެ އެވެ. މެރިނާސް އިން މަސައްކަތްކުރަނީ އެ ގައުމުގެ ފުޓްބޯޅަ މަގުބޫލުކުރަން ހިންގާ ޕްރޮޖެކްޓެއްގެ ގޮތުގައި ބޯލްޓް އެ ޓީމަށް ސޮއިކުރާއިރު، އޭނާގެ މުސާރައިގެ އެއްބައި ސްޕޮންސަރުގެ ތެރެއިން އެފްއެފްއޭ މެދުވެރިވެގެން ހަމަޖައްސައިދިނުމަށެވެ. މެރިނާސް އިން މަސައްކަތްކުރަނީ ބޯލްޓަށް 1.2 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭށެވެ.