ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓު އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ސީ ޕްލޭންގައި މާލެއިން ފުރައިގެން 40 މިނެޓުން ދެވޭ މި ރިސޯޓު ހުޅުވާ އިރު 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހިމެނެ އެވެ. ކޮންމެ ކޮޓަރިއެއް ވެސް ބައްޓަންކޮށްފައި ވަނީ އިރު އަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނި ގޮތުގައި އެ ރިސޯޓަކީ ތިމާވެށްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެގޮތުުން، އެކި ކަންކަމުން އުކާލާ ފެނުގައި ހުންނަ ހަކަތަ ބޭނުންކޮށްގެން ފިނި ފެން ހޫނު ފެނަަށް ބަދަލުކުރުމާއި، ސޯލާ ޕެނަލް ބޭނުންކުރުމާއި އެ ރަށުގައި ހުންނަ ޕްލާންޓަކުން ފެންފުޅި ބަންދުކުރާ އިރު، އެ ރަށުގައި މެރިން ބަޔޮލޮޖިސްޓެއް ވެސް ހުރެ އެވެ.

"ހުރަވަޅި ރިސޯޓުން ވަނީ މެރިން ކޮންވަޒޭޝަން އެންޑް އެޑިއުކޭޝަން ސްޕެޝަލިސްޓުން ކަމަށްވާ ވައިސް އޯޝަންސްއާ އެއްކޮށް މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ފުރިހަމަ ތިމާވެށްޓާ ރަށްޓެހި ރިސޯޓުތަކުގެ ތެރޭގައި ހިމެނިފައި،" އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ހުރަވަޅި ރިސޯޓުގައި ކަނޑުއަޑީގެ ރެސްޓޯރަންޓް ބެހެއްޓުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ހުރަވަޅި ރިސޯޓު
ހުރަވަޅި ރިސޯޓުގައި ކަނޑުއަޑީގެ ރެސްޓޯރަންޓް ބެހެއްޓުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ހުރަވަޅި ރިސޯޓު

ހުރަވަޅި ރިސޯޓުގެ އެންމެ ހާއްސަ ކަމަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓް މި ރަށުގައި ގާއިމްކޮށްފައިވުމެވެ. "5.8 އަންޑަސީ"ގެ ނަން ދީފައިވާ މި ރެސްޓޯރަންޓުގައި މުޅިން ވެސް ހުންނަނީ ދެ މީހުންނަށް ތިބެވޭ ގޮތަށް ގޮނޑި އަތުރާފައިވާ މޭޒުތަކެވެ. އެއީ، ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ރީތިކަން ބަލަމުން، ވީހާ ވެސް އެކަހެރި މާހައުލެއްގައި މީރު ކެއުމަށް އިންސާފު ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ހުރަވަޅި ރިސޯޓު ހުޅުވަން ތައްޔާރުވެފައިވާ އިރު، މި އަހަރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ވަނީ ހުޅުވައިފަ އެވެ. އެގޮތުން، ސޮނޭވާގެ އާ ރިސޯޓް، ސޮނޭވާ ޖާނީ އާއި ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓް މިފަހުން ހުޅުވާފައިވެ އެވެ.

މި ތަންތަނުގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ބާޒާރަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.