ވޭލް ސަބްމެރިން އިން ކަނޑުއަޑީގައި ޑިނާ ދޭން ތައްޔާރުވެއްޖެ އެވެ.

މި ހިދުމަތް އާންމުންނަށް ހުޅުވާލާނީ އަންނަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް ނޫސްވެރިންނަށް ހާއްސަކޮށްގެން މިރޭ ވަނީ ސަބްމެރިންގައި ޑިނާއެއް ބާއްވައިފަ އެވެ. މި ޑިނާގައި ކުރީގެ ހޯމް މިނިސްޓަރު އަދި ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އުމަރު ނަސީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މިރޭ ބޭއްވި ޑިނާގައި އުމަރު ނަސީރު ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު
މިރޭ ބޭއްވި ޑިނާގައި އުމަރު ނަސީރު ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު

ވޭލް ސަބްމެރިންގައި ތައްޔާރުކުރާ ބުފޭ އިން ކަނޑުގެ 122 ފޫޓު އަޑީގައި، މަސްމަހާމެހީގެ މާހައުލުގައި ތިބެ ކާނާ އަށް އިންސާފުކޮށްލެވޭނެ އެވެ. އަދި މިއީ ކަނޑު އަޑި ބަލައިލުމުގެ އެއް ގަޑިއިރުގެ ދަތުރަކަށް ވެސް ވާނެ އެވެ.

އުމަރު ވިދާޅުވީ ޑައިނިންގެ ހިދުމަތް ސަބްމެރިން އިން ދޭނީ އިރުއޮއްސޭ ގަޑީގައި އެކަނި ކަމަށެވެ. ނަމަވެސް އެހެން ގަޑިތަކުގައި ވެސް ތާވަލާ އެއްގޮތަށް ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރުއޮއްސޭ ގަޑީގައި ގިނައިން މިޔަރާއި މަޑި ފަދަ ތަކެތި ފެންނާނީ. އެހެންވެ އަޅުގަނޑުމެން ޑައިނިން އަށް އެ ގަޑި ހާއްސަ ކުރީ،" އުމަރު ވިދާޅުވި އެވެ.

ސްބަމެރީންގައި ބަޔަކު ކަނޑިއަޑީގެ މަންޒަރު ބަލަނީ-- ފޮޓޯ: މިހާރު
ސްބަމެރީންގައި ބަޔަކު ކަނޑިއަޑީގެ މަންޒަރު ބަލަނީ-- ފޮޓޯ: މިހާރު

ވޭލް ސަބްމެރިން އިން ކަނޑުއަޑީގައި ޑައިން ކުރުމުގެ ފުރުސަތު ހުޅުވާލާއިރު މިއީ މިހާ ފުންމިނުގައި ޑައިނިންގެ ހިދުމަތް ދޭ ދުނިޔޭގެ ފުރަތަމަ ކުންފުނި ކަމަށް ބެލެވެ އެވެ.