ސައުދީ އަރަބިއްޔާ އަށް އެކި ފަހަރު މަތިން އެތެރެވޭ ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހާއްސަ އުމްރާ ވިސާއެއް އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.

ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން އެކަން އިއުލާންކޮށް ބުނީ މިއީ އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި ސައުދީ ވިޝަން 2030 އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް"ގެ މަގުސަދުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އާ ވިސާގެ މުހިންމު ތަފްސީލުތައް

  • ހާއްސަ ވިސާ ދޫކުރާ ތާރީހުން ފެށިގެން 365 ދުވަސް (އެއް އަހަރު) ދުވަހަށް އެ ވިސާގައި ސައުދީއަށް އެތެރެވެވޭނެ
  • ވިސާގެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ސައުދީއަށް އެތެރެވެވޭ ނަމަވެސް މެދުނުކެނޑި ތިބެވޭނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށް
  • ކޮންމެ ދަތުރަކަށް ވެސް ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކުން "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭނެ
  • ސައުދީއަށް އެތެރެވުމުގެ ކުރިން "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވުމުގެ ހުއްދަ ހޯދަން ޖެހޭނެ
  • ކޮންމެ ދަތުރެއް ނިންމައި ފުރައިގެން ދިއުމުން ވިސާ ޑީއެކްޓިވޭޓްވާނެ، އަދި ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ހަމަކުރުމުން އަލުން އެކްޓިވޭޓްވާނެ

ހައްޖާއި އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ވިސާގެ ދަށުން ހައްޖު މޫސުމުގެ ދުވަސްވަރު ސައުދީއަށް އެތެރެއެއް ނުވެވޭނެ އެވެ. އެގޮތުންގެ މަތިން ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްގައިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވިސާ މެދުކަނޑާލާނެ އެވެ.

މި ބަދަލުގެ ސަބަބުން އުމްރާ ދަތުރުތައް ރޭވުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބި، ޑިޖިޓަލް އަދި އޮޕަރޭޝަނަލް ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ރާއްޖެއިން ކޮންމެ އަހަރަކު އުމްރާގެ އަޅުކަމަށް ދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު، ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް މި ޖުލައި މަހު ވެސް އެކި ގްރޫޕްތަކުގެ ހަވާލުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.