ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދިއުމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ 10 އަހަރުގެ ޕްލޭނެއް އެކުލަވާލައްވާނެ ކަމުގެ ވައުދާ އެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އެންޑީ ބާންހަމް މިއަދު ހަވާލުވެ ވަޑައިގެންފި އެވެ.
މަގުމަތީގައި ނިދުން ނިމުމަކަށް ގެނައުމަކީ މި ސިޔާސަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަގުބޫލުކަން ކުޑަވެ، ކިއާ ސްޓާމާ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު އަނބިކަނބަލުން މޭރީ-ފްރާންސް ވަން ހީލްއާ އެކު ބަކިންހަމް ޕެލަސްއަށް ވަޑައިގެން، ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައި ބާންހަމް ވަނީ ސަރުކާރުގެ ހިންގުމާ ހަވާލުވެވަޑައިގެންފަ އެވެ.
އުމުރުން 56 އަހަރުގެ ބާންހަމް ވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ 7 ވަނަ ބޮޑުވަޒީރަށެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގެން ޑައުނިން ސްޓްރީޓަށް ވަޑައިގަތުމުން ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
ބާންހަމް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާރަށް "ހަމަޖެހުން އަލުން ހޯދިދާނެ" ކަން ދުނިޔެއަށް ދައްކުވައިދޭންޖެހެ އެވެ. އަދި "އާ ސިޔާސީ މޮޑެލްއެއް" ހުށަހަޅުއްވައި "އާ އިގްތިސާދެއް ބިނާކުރެއްވުމަށް" ވައުދުވެވަޑައިގަތެވެ.
ހާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، އޭނާގެ ފުރަތަމަ ފޯނު ކޯލްތައް ކުރައްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރޭނުގެ ލީޑަރު ވޮލޯޑިމީރް ޒެލެންސްކީއަށް ކަމަށް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި ޒެލެންސްކީއަށް "100 ޕަސެންޓް ތާއީދު ކުރައްވާނެ" ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑައުނިން ސްޓްރީޓްގެ ބޭރުގައި ދެއްވި ކުރު ތަގުރީރުގައި، ލޭބާ ޕާޓީގެ އާ ލީޑަރު ވިދާޅުވީ، "އިނގިރޭސި ވިލާތަށް އާ ޕްލޭނެއް، 10 އަހަރުގެ ޕްލޭނެއް" ކުރިއަށް ނެރުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
ކުރު މުއްދަތުގެ ލަނޑުދަނޑިތައް ފާހަގަކުރައްވަމުން، "މީހުންނަށް މިހާރުން މިހާރަށް ލުޔެއް ދީ، ދިރިއުޅުމުގެ ހަރަދުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ" ކަމަށް ވައުދުވެވަޑައިގަތެވެ.
އަދި ފުރަތަމަ ކަމަކީ "މަގުމަތީގައި ނިދުން ނިމުމަކަށް ގެނައުމުގެ" ވައުދު ކަމަށް ވިދާޅުވި އެވެ. މިއީ އުތުރު އިންގްލޭންޑްގެ ރީޖަނަލް މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވެސް އަމަލީގޮތުން ތަންފީޒުކުރަން މަސައްކަތް ކުރެއްވި، ނަމަވެސް މުޅިން ކާމިޔާބުވެފައިނުވާ ކަމެކެވެ.
ފާހަގަކުރެއްވި އެހެން ކަންކަމުގެ ތެރޭގައި ސަރުކާރުގެ ޕްރޮކިއުމަންޓް މެދުވެރިކޮށް އަލުން ސިނާއީ ގޮތުން ކުރިއެރުވުމާއި، އާންމު ހައުސިންގް އިތުރަށް ބިނާކުރުމުގެ ވައުދު ހިމެނެ އެވެ.
އިނގިރޭސި ވިލާތުގައި 2029 ވަނަ އަހަރު ބާއްވާ ގައުމީ އިންތިހާބުގެ ކުރިން އަމިއްލަ ނަން ރަނގަޅު ކުރެއްވުމަށް ބާންހަމް އަށް ލިބިވަޑައިގެންފައި ވަނީ ކުރު މުއްދަތެކެވެ. އަދި އެއީ މިހާރު ހުރި މައްސަލަތަކާ އެކު ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ 'ދަ ޓައިމްސް' އަށް ދެއްވި އިންޓަވިއުއެއްގައި ބާންހަމް ވިދާޅުވީ، ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެންނަވަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަމުންދިޔަ ކަންކަމަކުން ނަތީޖާއެއް ނުނިކުތް. އަޅުގަނޑަށް ފެންނަ ގޮތަކީ އެއީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު އުޅޭނީ ތަފާތު ގޮތަކަށް ކަންކަން ކުރެވޭތޯ."
ބާންހަމްއަށް ކުރިމަތިވެވަޑައިގަންނަވާ ކުއްލި ގޮންޖެހުންތަކުގެ ތެރޭގައި، އިގްތިސާދު މަޑުޖެހިފައިވުމާއި، ސަރުކާރުން ދަރަންޏަށް ނަގާ މިންވަރު މަތިވުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ހަރަދުތައް ބޮޑުވުމާއި، ކުދި ބޯޓުފަހަރުގައި ގަވާއިދާ ހިލާފަށް ގައުމަށް އެތެރެވާ މީހުންގެ ސަބަބުން 'ރިފޯމް' ޕާޓީއަށް ތާއީދު އިތުރުވަމުންދިއުން ހިމެނެ އެވެ.
އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އަންދާޒާކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދިއުމާއި، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާ އެކު ނުތަނަވަސް ގުޅުމެއް އޮތުމަކީ އޭނާގެ ބޮޑުވަޒީރުކަމަށް އަސަރުކޮށްފާނެ ކަންކަމެވެ.
ކޮންޒަވޭޓިވްގެ 14 އަހަރުގެ ވެރިކަމަށްފަހު، 2024 ވަނަ އަހަރުގެ ޖުލައި މަހު ލޭބާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދެއްވީ، އިސްތިއުފާ ދެއްވި ސްޓާމާ އެވެ. ނަމަވެސް، ސިލްސިލާ މައްސަލަތަކާއި، އެކި ގޯސްތަކާއި ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން އޭނާގެ ލީޑަޝިޕަށް ހީނަރުކަން އައިސް، ބޮޑުވަޒީރުކަމުގެ މަގާމުންނާއި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވަން މިދިޔަ މަހު އޭނާ ނިންމެވީ އެވެ.
ބާންހަމްއަކީ 2001 އިން 2017 އަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި ޓޯނީ ބްލެއާ އާއި ގޯޑަން ބްރައުންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި އެވެ. އޭގެ ފަހުން އޭނާ ވަނީ އާންމުންގެ މަގުބޫލުކަން ހޯއްދަވައި، އާންމު އާދައިގެ އުސޫލުތައް ކުރިއަށް ނެރުއްވައި ސޯޝަލް މީޑިއާގެ މާކެޓިން ބޭނުންކުރައްވައިގެން، މޫނުމަތި ބަދަލުކުރައްވައިފަ އެވެ.