ގްލާޒްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ގައި ޓޫވެލޫގެ ފޮރިން މިނިސްޓަރު ސައިމަން ކޯފީ، ގައުމު މިހާރު އޮތް ތިމާވެށީގެ ނާޒުކު ހާލަތު ހާމަކޮށް ދެއްވުމުގެ ގޮތުން މޫދުގައި ހުންނަވައިގެން އަންގާރަ ދުވަހު ދެއްވި ވީޑިއޯ މެސެޖަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ސަމިޓްގައި ވާހަކަ ދެއްކެވި އިރު، މިނިސްޓަރު ހުންނެވީ މޫދުގެ ލޮނުގަނޑު ކަކުލާ ހަމައަށް އަރާ ހިސާބުގަ އެވެ. ކޯޓް ފަޓްލޫނުގައި ހުންނެވި އިރު މިނިސްޓަރުގެ ފަޓްލޫނި އިނީ ކަކުލާ ހަމައަށް އޮޅާލައިފަ އެވެ.

ގައުމުގެ ދިދަ އާއި އދ. ގެ ދިދައެއްގެ ކުރިމަތީގައި ހުރި ޕޯޑިއަމެއްގައި ހުއްޓި ހުންނަވައިގެން މިނިސްޓަރު ވިދާޅުވީ އޭނާ އެ ހުންނެވި ތަނުން ސިފަކޮށް ދެނީ ޓޫވެލޫގެ ހާލަތު ކަމަށެވެ. އަދި އެ ގައުމު ފަދަ ބިންތިރި ގައުމުތައް އޮތީ މޫސުމީ ބަދަލުތަކާ އެކު، ނެތި ހިނގައިދާނެ ކަމުގެ ބިރާއި އިންޒާރުގެ ތެރޭގައި ކަމަށް ވާތީ ދުނިޔޭގެ ވެރިން ތިމާވެށީގެ މައްސަލަތަކާ މެދު ވަރަށް ފުންކޮށް ވިސްނައި، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ޓޫވެލޫގެ މިހާރުގެ ތިމާވެށީގެ ހާލަތު އޮތީ ވަރަށް ހިތްދަތި ފައްތަރެއްގައި ކަމުން އެއީ ކުޅިބަލަން ތިބެވޭ ކަހަލަ ކަމެއް ނޫނެވެ. އަދި މީގެ ނުރައްކާ ގުޅިފައި އޮތީ އެތައް ފުރާނައަކާއި ކުރިއަށް އޮތް ޖީލުތަކާ ކަމަށްވާތީ ކޮޕް26 އަކީ ނަތީޖާ ނެރެވޭ ސަމިޓަކަށްވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މޫދުގައި ހުންނަވައިގެން ދެއްވި ވީޑިއޯ މެސެޖް ގެނެސްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ޓޫވަލޫގެ ދައުލަތުގެ މިޑިއާ ޓީވީބީސީ އެވެ.