ތުރުކީގެ އެންމެ މަޝްހޫރު އެއް ކްލަބް، ގަލަތަސާރާއީގެ ސަޕޯޓަރުންގެ ގުރޫޕްގެ އިސްވެރިޔާގެ ގެ، ރެއިޑްކޮށް 1.3 މިލިއަން ޑޮލަރާއި ރަނާއި އެހެނިހެން ގަހަނާ، ފުލުހުން ކުރި ރެއިޑްގައި އަތުލައިގެންފި އެވެ. 

ތުރުކީގެ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ސަޕޯޓަރުންގެ ގުރޫޕް، "އަލްޓްރާސްލަން"  އިސްކޮށް ހިންގާ ސެބަހައްތިން ސިރިންގެ ގެ ބަލައި ފާސްކުރަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން، އަށް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ދެމިގެން ދިޔަ އެވެ.

އެ އޮޕރޭޝަނުގައި އެހެނިހެން ފައިސާތަކުގެ ނޯޓްތައް ވެސް އަތުލައިގަތެވެ. އެ ފައިސާތަކުގެ އަގު ވެސް 970،000 އެމެރިކާގެ ޑޮލަރަށް އަރާ ކަމަށް އޭއެފްޕީން ބުންޏެވެ. 

ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޓިކެޓް ވިއްކައި، މެޗުތަކާ ދިމާކޮށް ސްޓޭޑިއަމް ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް އޭނާ އަމަލުކުރާކަމުގެ ތުހުމަތުގައި އިސްތަންބޫލްގެ ފުލުހުން ވަނީ، އާދިއްތަ ދުވަހު އޭނާ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސިރިން ވަނީ ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް އަށް ތުހުމަތުކޮށް ވާދަވެރި ފެނަބާޗޭ އަށް ކުރިއަށް އޮތް ސީޒަނުގެ ލީގު ތަށި ހޯދައިދޭން އެހީތެރިވާކަމަށް ތުހުމަތުކޮށްފަ އެވެ. 

"މި ސީޒަންގައި ފެނަބާޗެ ޗެމްޕިއަނަށް ހެދުމަށްޓަކައި ދައުލަތުގެ ތެރޭގައި އޮތް ގުރޫޕެއް،" މިނިސްޓަރަށް ތުހުމަތުކޮށް ސިރިން އެކްސްގައި ޕޯސްޓް ކުރި އެވެ. 

އެ ތުހުމަތާ ބެހޭގޮތުން ފެނަބާޗޭ އަދި ގަލަތަސަރާއީން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.