ގައުމީ އަންހެން ފުޓްބޯޅަ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭން ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުއީނާ މުހައްމަދު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިއްޖެ އެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މުއީނާ އަކީ އަދިވެސް ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އެފްއޭއެމާ ގުޅުނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި އަންހެން ޔޫތު ޓީމުތަކުގެ ފިޓްނަސް ޓްރެއިނިން ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ.

އަދި އޭގެ އިތުރުން މުއީނާ ވަނީ އެފްއޭއެމުން އަންހެން ކޯޗުންނަށް ކުރިއަށްގެންދިޔަ އޭއެފްސީ ސީ ލައިސެންސް ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.

މުއީނާ އަކީ ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަންހެން އެތުލީޓަކަށްވާއިރު، އޭނާގެ ފަރާތުން ލިބޭ ތަމްރީންތަކުގެ އަލީގައި ޒުވާން އަންހެން ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އެފްއޭއެމުން ދެކެ އެވެ.

މުއީނާ ވަނީ ޓީޓީގެ ގައުމީ ޗެމްޕިއަންކަން ޖުމްލަ 15 ފަހަރު ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2000 ވަނަ އަހަރާއި 2001 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިއިރު 2002 ވަނަ އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު 2003 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ގޮތަށް މިދިޔަ އަހަރާ ހަމަޔަށް އޭނާ ނޫން ކުޅުންތެރިޔަކަށް ގައުމީ ތަށީގައި އަތްލެވިފައެއް ނުވެ އެވެ.

މީގެ އިތުރުން މުއީނާ ވަނީ ކުޅިވަރުގެ ދާއިރާގެ މީހުން ތަމްރީން ކުރުމުގެ ބައިން 2016 ވަނަ އަހަރު ގައުމީ އިނާމް ހާސިލްކޮށްފަ އެވެ.