ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު އަންނަ ޖެނުއަރީ މަހު އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
މުއީނާ ކުޅުމާ ދުރަށް ދިޔައީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް މި އަހަރުގެ ޖެނުއަރީ މަހު ކުރި އޮޕަރޭޝަނާ ގުޅިގެންނެވެ. މުއީނާ އެނބުރި އަންނާނީ ވެސް ގައުމީ މުބާރާތުގަ އެވެ.
އަނިޔާއަކަށް ފަހު ކުޅުމަށް ނުކުންނައިރު މުއީނާގެ ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖެކެވެ. އެއީ ޖެހިޖެހިގެން 13 އަހަރު އޭނާ ހާސިލްކުރި ގައުމީ ތަށި ގެއްލިފައިވާތީ އެ ތަށި އަލުން ހޯދުމުގެ މަސައްކަތެވެ. މުއީނާ އަތުން ތަށި ގެއްލުނީ މިދިޔަ އަހަރުގެ ފައިނަލުގައި އުމުރުން 13 އަހަރުގެ އައިޝަތު ރަފާ ނާޒިމް އަތުން ބަލިވމުންނެވެ.
މުއީނާ ބުނީ އަދިވެސް އޭނާ ސަތޭކަ ޕަސެންޓް ފިޓް ނޫން ކަމަށާއި އެހެންވެ މި ފަހަރު ނުކުންނަނީ ސީދާ ޗެމްޕިއަންކަން ހޯދުމަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ފައިނަލުގައި ކުޅުން. ބޮޑު އަނިޔާއަކަށް ފަހު އެހާ ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުރެފައި ނުކުންނައިރު ސީދާ ތަށްޓަށް ޓާގެޓެއް ނުކުރެވޭ. ސަބަބަކީ އަދިވެސް ފުލް ފޯމަށް ނޭޅޭތީ. މިއީ އަސްލު އެނބުރި އައުމުގެ ގޮތުން ކުޅޭ މުބާރާތެއް،" މުއީނާ ބުންޏެވެ.
އޭނާ ބުނީ ރިކަވަރީ އަށް ފަހު ސީދާ މުބާރާތަށް ތައްޔާރުވާން ލިބުނީ މަހެއްހާ ދުވަސް ކަމަށާއި އެއީ ވެސް ގޮންޖެހުމެއް ކަމަށެވެ. މުއީނާ އެނބުރި އަންނައިރު އަންނަ އަހަރު އަލުން ގައުމީ ސްކޮޑުން ޖާގަ ހޯދުމަކީ ވެސް އަމާޒެކެވެ.
"އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ގައުމީ ސްކޮޑަށް އެރުން އެއީ ވަރަށް ބޮޑު ޓާގެޓެއް. ގައުމީ މުބާރާތާ އެކު އެނބުރި ފޯމަށް އާދެވޭނެ ކަމަށް އުއްމީދުކުރަނީ،" މުއީނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޓީޓީއާ ދުރުގައި ހުރުމަކީ ވަރަށް އުނދަގޫވި ކަމެކެވެ. އެހެންވެ އެނބުރި ކޯޓަށް ނުކުތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.
މުއީނާގެ ކެރިއަރުގެ ފަހުކޮޅާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު އޭނާ ބުނީ ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ވެސް އިތުރު އަހަރުތަކެއްގައި ކުޅެ ކާމިޔާބީ ހޯދަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
"އަދިވެސް އަޅުގަނޑުގެ އުއްމީދުތައް އެބަހުރި. އެއްވެސް ގޮތަކަށް ފަސޭހަނުކުރާނަން. އިތުރު ކާމިޔާބީތައް ހޯދުމުގެ އަޒުމުގައި މިހިރީ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރިހި މެޑަލް ހޯދާފައިވާ މުއީނާ ބުންޏެވެ.
މިދިޔަ އަހަރު ރަފާ އަތުން ބަލިވުމުން ވެސް މުއީނާ ބުނީ އެއީ އޭނާ މާޔޫސްވާ ކަމެއް ނޫން ކަމަށާއި އާ ޗެމްޕިއަނެއް ފެނުމަކީ ޓީޓީ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"ކުޅިވަރުގައި އޮންނާނީ މޮޅުވުމާއި ބަލިވުމުން. ބަލިވުން އެއީ އަދި ނިމުމެއް ނޫން،" މުއީނާ ބުނެފައިވެ އެވެ. "ކުޅުމަކަށް ބަދަލެއް ނާންނާނެ އަދި އުއްމީދު ގެއްލުވައެއް ވެސް ނުލަން. އަދިވެސް އޮތީ ހަމަ ކުރިއަށް."
އޭނާ ވަނީ ގައުމީ ޗެމްޕިއަންކަން ޖުމްލަ 15 ފަހަރު ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2000 ވަނަ އަހަރާއި 2001 ވަނަ އަހަރު ހޯދިއިރު 2002 ވަނަ އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު 2003 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ގޮތަށް މިދިޔަ އަހަރާ ހަމަޔަށް އޭނާ ނޫން ކުޅުންތެރިޔަކަށް ގައުމީ ތަށީގައި އަތްލެވިފައެއް ނުވެ އެވެ.