ޗައިނާގެ އެންމެ ބޮޑު ޓްރޭޑް ފެއާ، ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ސީޓީއައިއެމް) ގައި ބައިވެރިވުމަށް ދަތުރުކުރާ ފަރާތްތަކަށް މެގަ މޯލްޑިވްސް އިން ހާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކަން ފަށައިފި އެވެ.
ނޮވެމްބަރު 11 އިން 13 އަށް ޗައިނާގެ ޝަންހާއީގައި ބާއްވާ މި ފެއާ އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ފެއާ އެކެވެ.
މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ފެއާގެ ބައިވެރިންނަށްނަށް ޝަންހާއީ ދެކޮޅު ޓިކެޓު ވިއްކަނީ 450 ޑޮލަރަށެވެ. އަދި އެއްކޮޅު ޓިކެޓެއްގެ އަގަކީ 225 ޑޮލަރަށެވެ.
"މި ހާއްސަ އަގުގައި ޓިކެޓު ލިބޭނީ ސީޓީއައިއެމްގައި ބައިވެރިވާން ދާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް" ބަޔާނުގައި ވެ އެވެ.
މި ޓިކެޓުގައި މާލެ-ޝަންހާއީ އަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 9 ގަ އެވެ. އަދި ޝަންހާއީ އިން އެންބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 13ގަ އެވެ.
ސީޓީއައިއެމް އަކީ ތަކެތި ގަންނަ ފަރާތްތަކާ ސީދާ ބައްދަލުވެ، ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ މާކެޓު ކަމަށްވާ ޗައިނާ އަށް ވާސިލްވުމުގެ ފުރުސަތު ލިބޭ އެންމެ ބޮޑު އިވެންޓެވެ.