ހައި ރައިޒުން ބާއްވާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ފަސްވަނަ އެޑިޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ކާބޯތަކެތީގެ ދާއިރާ އަށް ހާއްސަ ކޮށްގެން ޖޫން 2-4 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ އެ ޝޯގައި، އެ ދާއިރާގެ ދިވެހި އަދި ބައިނަލްއަގްވާމީ އިސް ކުންފުނިތަކުން ބައިވެރިވާނެ އެވެ.

ރިސޯޓްތަކާއި ހޮޓާތަކާއި ލިވަބޯޑްތަކާއި ރެސްޓޯރެންޓްތަކާއި ހޯލްސޭލަރުންނާއި ކަލިނަރީ އެކްސްޕާޓުން ވެސް އެ ޝޯގައި ބައިވެރިވާނެ އެވެ. އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާގައި ހުރި އާ ޕްރޮޑްކަޓުތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު އެ ޝޯގެ ތެރެއިން ލިބޭނެ އެވެ.

ދިރާގުން ބުނީ ޑިޖިޓަލް ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް އެ ޝޯގައި ދޭނެ ކަމަށެވެ. އެ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގޭގައި ތިބެގެން ކާބޯތަކެތި އުފައްދާ މީހުންނަށް ކުރިމަގުގައި ވެސް އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.