ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ނަން "ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން" އަށް ބަދަލުކޮށްފި އެވެ.

އެ ޖަމިއްޔާގެ ނަން ބަދަލުކުރީ އިއްޔެ މާފުށީގައި ބޭއްވި އަހަރީ އާއްމު ޖަލްސާގަ އެވެ. މި ޖަލްސާގައި އެ ޖަމިއްޔާގެ މެގަޒިނެއް ނެރުމަށް "އޯޓޯ ކްރިއޭޓިވް" އާ އެކު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

ގޭމްގެ ރައީސް އަބްދުﷲ ނަޝީދު "މިހާރު" އަށް ވިދާޅުވީ އެ ޖަމިއްޔާގެ ނަން ބަދަލުކުރީ ރާއްޖޭގައި މިހާރު ހުރި ހޮޓެލްތަކަށް އެ ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ދޭން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 10 ކޮޓަރިއަށްވުރެ ގިނަ ތަންތަން ހޮޓެލްތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ 10 ކޮޓަރިއަށް ވުރެ ގިނަ ތަންތަން ބުޓީކް ހޮޓެލްތަކަށް ބަދަލުކުރަން. މިހާރު ވެސް ރާއްޖޭގައި 14 ވަރަކަށް ހޮޓެލް އެބަހުރި. އެކަމަކު އެތަންތަނަށް ހާއްސަ ޖަމިއްޔާއެއް ނެތް. މި ގެނައި ބަދަލާއެކު ހުރިހާ ހޮޓެލްތަކަށް މި ޖަމިއްޔާގައި ބައިވެރިވެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ ރީބްރޭންޑުކޮށް މަސައްކަތްތައް ވެސް ކުރިއަށް އޮތް އަހަރުތަކުގައި ފުޅާ ކުރާނެ އެވެ. އެގޮތުން، ކޮންމެ އަހަރަކު ގެސްޓު ހައުސްތަކާއި ހޮޓަލްތަކަށް ހާއްސަ ކޮށްގެން ދެ މެގަޒިން ނެރޭނެ ކަމަށާއި ރާއްޖޭން ބޭރުގެ ފެއާތަކުގައި ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.