ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓައިލާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބިލް ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ މިހާރު މަޖިލީހުގެ ކޮމިޓީގައި ދިރާސާކުރަމުންދާ، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލަށް އެ ބައި އިތުރުކުރައްވާނެ ކަމަށެވެ. މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވެވުމުން އެމަނިކުފާނު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައިފަ އެވެ.
މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ. ރިޔާޒް ވިދާޅުވީ ފިލައި ތިބެ ރާއްޖެއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅައި ހައްގުތަކުން މަހްރޫމް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދާހިލީ އަދި އިޖުތިމާއީ ކަން އޮތް ގޮތް ނޫން ގޮތްގޮތަށް ވާހަކަ ދައްކާ މީހުންނަށް، ދިވެހި ރައްޔިތަކަށްވީތީ ލިބޭ ހައްގުތަކާއި އިނާޔަތްތައް ކަނޑާލުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް މި ބިލު ހުށަޅެއްވި މެމްބަރު ރިޔާޒް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތަކަށް ވީތީ ލިބޭ ހައްގުތަކާއި އިނާޔަތްތަކެއް އެބަހުރި. އެ ހުރިހާ އިނާޔަތްތަކާއި ހައްގުތަކެއް ކަނޑާލާނަން،" އާސަންދައިގެ ހިދުމަތާއި ސަބްސިޑީގެ އިނާޔަތްތަކާއި އެހެނިހެން ކަންކަމަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވި އެވެ. ރިޔާޒް ވަނީ ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުގެ ބަޖެޓުން ލިބޭ އިނާޔަތްތައް ކަނޑާލުމުން އެކަން ދިފާއު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދަށް ދެއްވަމުން ގެންދެވި އިނާޔަތްތައް ކަނޑައިލުމާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފަ އެވެ. އަދި ގައުމު ހަލާކުކޮށް، ގައުމު ފަސާދަ ކުރައްވާ ބޭފުޅުންނަށް ބަޖެޓުން ފައިސާ ދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.