ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލައި، ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާ މީހުންގެ މައްސަލަތައް ބަލައި، އެ މީހުންނާ މެދު ހަރުކަށި ފިޔަަވަޅު އެޅުމަށް އެދި ވިޔަފާރިވެރިން ޖަމިއްޔާ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.
މިއަދު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ މިއީ އެ ޖަމިއްޔާގެ ތާރީހުގައި ފުލުހުންނަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލައިގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް ސިޔާސީ އެކިއެކި ފަރާތްތަކުން ވެރިކަން ހޯދަން މަސައްކަތް ކުރުމުގެ. އެކަމަކު ރާއްޖޭގެ އިގްތިސާދަށް ހުރަސްއަޅައި ރާއްޖެ ބޮއިކޮޓް ކުރަން ގޮވައި، މިކަހަލަ ކަންކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑުމެން ބޭނުން،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ފުލުހަށް ހުށަހެޅި މަައްސަލައިގައި ވަކި މީހެއްގެ ނަމެއް ހުށަހަޅާފައި ނޯންނާނެ ކަމަށެވެ. އަދި ހުށަހަޅާފައިވަނީ ރާއްޖޭގެ އަގު ވައްޓާލައި ބޮއިކޮޓް ކުރަން ގޮވާ މައްސަލަތައް ޖުމްލަކޮށް ކަމަށް އާސިފް ވިދާޅުވި އެވެ.
ނަމަވެސް މިއަދުން ފެށިގެން ސޯޝަލް މީޑިއާގައި އެފަދަ ކެމްޕޭނުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ވަކިވަކިން ޕޮލިހަށް ހުށަހަޅަމުން ގެންދާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. ޓްވިޓާ ފަދަ ނެޓްވޯކްތަކުގައި އެފަދަ މައުލޫމާތު ފަތުރާ މީހުންގެ މައުލޫމާތު އާންމުން އެ ޖަމިއްޔާ އަށް ހުށަަހެޅުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
"ޕޮލިހަށް މައްސަލަ ހުށަހަޅާފަ އަޅުގަނޑުމެން ތިބޭނީކީ ނޫން، މައްސަލަ ދާ ގޮތް ބަލާނެ. އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެއްވެސް ބޭފުޅަކު ޓްވީޓު ކޮށްފިއްޔާ އަޅުގަނޑުމެން އެ ޓްވީޓު ވެސް ގެނެސް ޕޮލިހަށް ހުށަހަޅާނެ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު، ސޯޝަލް މީޑިއާގައި މިފަދަ ކެމްޕޭންތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަަށެވެ. އަދި ޕޮލިހަށް މި މައްސަލަ ހުށަހެޅީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް އާސިފް މިއަދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ހީވަނީ އިދިކޮޅު ބައެއް ފަރާތްތަކުން މާ ބޮޑަށް ހިންދީ ފިލްމު ބަލަނީހެން. ހިންދީ ފިލްމުތަކުން ވެސް ފެންނާނެ ބައެއް ފަހަރަށް މީހުން އުޅޭ ކުދިކުދި ތަންތަނަށް ފެން ބަންދުކޮށްލާ މި ކަހަލަ ކަންތައް ކުރާ ތަން. ދެން އެ މީހުން ބުނާނެ މިވެނި މީހަކު ވެރިކަމަށް އަައީމައޭ ކަލޭމެނަށް ފެން ލިބޭނީ ނުވަތަ ކާން ލިބޭނީ. އެއީ މިހާރު ދުނިޔެ ހިނގާ ގޮތެއް ނޫން،" އާސިފް ވިދާޅުވި އެވެ.