ރާއްޖޭގައި އަލަށް ތައާރަފްކުރި "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ގެ އެންމެ ރަނގަޅު ރިސޯޓަކަށް ވަން އެންޑް އޮންލީ ރީތިރަށް ހޮވިއްޖެ އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރާ ގައުމީ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމްގެ ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ވަނީ އެކި ދާއިރާތަކުން އެޥޯޑް ދީފަ އެވެ.
ބެސްޓް ރިސޯޓު އެވޯޑާ އެކު "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ގެ ހަ ކެޓަގަރީއަކަށް ރައީސް ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި، އެންމެ ރަނގަޅު ގެސްޓް ހައުސްއަކަށް ހޮވުނު ސަބާ ސަމާ ސޫޓާއި، ބެސްޓް ސަފާރީ އެވޯޑް ލިބުނު ގުރަހަލި ސަފާރީ ބޯޓް އަދި ބެސްޓް ޓްރެވެލް އޭޖެންސީ އެވޯޑް ލިބުނު އިންޓުއާ މޯލްޑިވްސް ހިމެނެ އެވެ.
އެންމެ ރަނގަޅު ވޯޓާ ސްޕޯޓްސް ސެންޓަރަށް ދޭ އެވޯޑް ލިބުނު، އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެންމެ ރަނގަޅު ޑައިވް ސެންޓަރަކަށް ހޮވުނު ރަސްދޫ ޑައިވާސް އަށް ވެސް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ވަނީ ޓޫރިޒަމް ދާއިރާގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މީހުންގެ އަގުވަޒަންކުރުމަށް ދޭ އެވާޑް ވެސް އެ ފަރާތްތަކަށް ހަވާލުކޮށްދެއްވައިފަ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅުންހުރި 17 ދާއިރާއެއްގެ އެވޯޑެއް ވެސް ރޭ ވަނީ ދީފަ އެވެ. އޭގެ ތެރޭގައި، މުވައްޒަފުންނަށް އެންމެ ރައްކާތެރި ރިސޯޓު އެވޯޑާއި، އެންމެ ގިނަ މުވައްޒަފުން ތިބި ރިސޯޓަށް ދޭ އެވޯޑާއި، ބެސްޓް ސްޓާފް އެކޮމޮޑޭޝަން އެވޯޑް އަދި ބެސްޓް ހެލްތުކެއާ އެވޯޑް ފަދަ އެވޯޑްތައް ފާހަގަކޮށްލެވެ އެވެ.
ދިވެހި ޑީޖޭއިންނާއި، ލަވަކިއުންތެރިންނާއި، ޕަފޯމަރުން އެންމެ ރަނގަޅަށް ޕްރޮމޯޓުކުރާ ރިސޯޓުތަކަށް ވެސް އެވޯޑް ވަނީ ދީފަ އެވެ. އެ ހުރިހާ ރިސޯޓުތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބް ރައީސް އަދި ކެބިނެޓްގެ މިނިސްޓަރުންގެ އިތުރުން ޓޫރިޒަމް ދާއިރާގައި އިސްކޮށް މަސައްކަތްކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.